ކޮވިޑްގައި މިއަދު ފަސް މަރު، ޖުމްލަ 134

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. -- ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮވިޑް19 ބަލީގައި މިއަދު ފަސްވަނަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިިލިޓީގައި މިއދު ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

މިއީ ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި 134 ވަނަ މީހާއެވެ. އަދި މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި ހަތަރުވަނަ މީހާއެވެ.

މި މީހާގެ އިތުރުން މިއަދު ހުޅުމާލޭ ފެސިލިޓީގައި މަރުވީ 93 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ ފިރިހެނެކެވެ.

އޭގެ ކުރިން އައިޖީއެމްއެޗު އީއާރްއަށް ގެންދިޔަ 81 އަހަރުގެ މީހަކުވެސް ވަނީ ކޮވިޑް19 ބަލީގައި މަރުވެފައެވެ.

މި މޭ މަހަކީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު މިހާތަނަށް 61 މީހަކު މި ވަނީ މަރުވެފައެވެ.

އިއްޔެ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި މާރިޔާ ސައީދު ވިދާޅުވީ އެ ފެސިލިޓީއަށް ބޭނުންވާ ވަރަށް ސިއްހީ އެހީތެރިން ނެތް ކަމަށެވެ.

އަދި ސްޓާފުން ދަތިވެފައިވާތީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަން ދީގެން ސްޓާފުން ބަހާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމްލަ 274 އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 188 އެނދުގައި އިއްޔެ އާ ހަމައަށް މީހުން އެޑްމިޓުކޮށްފައި ތިއްބެވެ.

comment ކޮމެންޓް