ހަމަލާގެ ތަހުގީގު ދަނީ އިންތިޒާމުވެގެން، އިތުބާރަށް ބުރޫ އަރާފަދަ ކަންކަން ނުކުރޭ: ސީޕީ

ސީޕީ ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ދަނީ ވަރަށް ރަނގަޅަށް އިންތިޒާމުވެގެން ކަމަށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާއިރު، އެ ތަހުގީގު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއް ވަނީ އައްޔަންކޮށްފަ އެވެ. އަދި ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.

އެހެން ނަމަވެސް، އެ ހަމަލާއަށް ފަންޑު ކުރި މީހުން އަދިވެސް ނުހޯދޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދުގެ "ފޭކް" ޓުވިޓާ އެކައުންޓުން ވެސް ވަނީ އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެކަމަށް ފަންޑުކުރި މީހުން ހޯދަން ނޫޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަދަ ފާޑުކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް، އެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް އަމާޒުކުރެވިގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ.

"އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ ހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް ނުވަތަ ވަރަށް ގިނަ މައުލޫމާތުވިޔަސް، އެއްވެސް ފަރާތަކަށް އެނގޭނަމަ، އެ މައުލޫމާތެއް ސީދާ ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދެން،" ސީޕީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު އޮންލައިންކޮށްވެސް ހިއްސާ ކުރެވޭނެެ ޕޯޓަލް އެއް ފުލުހުން ވަނީ ގާއިމުކޮށްފަ އެވެ. ސީޕީ ވަނީ އެ ޕޯޓަލް މެދުވެރިކޮށް ނުވަތަ 9704000 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

comment ކޮމެންޓް