އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގައުމީ ޓީމުން ދުރަށް ދާން ޖެހުނު ނަމަވެސް، ފަހުގެ ޓެސްޓު ނެގެޓިވް ވުމުން އަލީ އަޝްފާގު (ދަގަނޑޭ) އަލުން ޓީމާއި މިއަދު ގުޅޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ މާޗުގައި ކުޅެން ތާވަލު ކުރި މެޗުތައް ކޮވިޑްގެ ސަބަބުން ފަސްކުރަމުން އައިސް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމައިފަ އެވެ. އެއާ އެކު މިދިޔަ ހަފުތާ ވަނީ މި މެޗުތަކަށްދާ ގައުމީ ޓީމުގެ 25 ކުޅުންތެރިއަކާއި އަށް އޮފިޝަލަކު މާލޭގައި ކޭމްޕް ކޮށްފަ އެވެ.
ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބި މި ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގު ވެސް ހިމެނުނު އިރު، ދާދި ފަހުން ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ޚާއްސަ ހުއްދައެއްގެ ދަށުން އޭނާ ވަނީ ކޭމްޕް ދޫކޮށްލާފައެވެ.
އެއަށްފަހު ދަގަނޑޭ އިއްޔެ ކުރި ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަން "ސަން"އަށް އެފްއޭއެމްގެ ޖެނެރަލް ސެެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ޔަގީންކޮށްދީފައިވާ އިރު، މިއަދު އަލުން އޭނާ ޓީމާ ގުޅޭނެ ކަމަށް ވެސް ޖަވާ ވަނީބުނެފަ އެވެ.
ގައުމީ ޓީމުން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިން ޕީސީއާރު ޓެސްޓު ހަދާ އިރު، ޓީމު ފުރާނެ ކަމަށް ބެލެވެނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހުއެވެ. ކުރިން ބުދަ ދުވަހު ފުރާ ގޮތަށް އޮތް ނަމަވެސް ދަތުރުފަތުރަށް އައި ބަދަލަކާއެކު ޓީމުގެ ފުރުން ވަނީ ލަސްވެފައެވެ.
ކޮވިޑް އަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ސްކޮޑުން ބައެއް ކުޅުންތެރިން ވަނީ ވަކިވެފަ އެވެ. އަމިއްލަ ސަބަަބަކާ ހުރެ ވަކިވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ކޮވިޑް އަށް ޕޮޒިޓިވްވުމުން ކޮލިފައިން ގެއްލުނީ ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށެވެ.
ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.