ކާރުތައް ޕާކް ކުރާ ސްލޮޓުތަކުގެ ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އަލަށް ހުވާ ކުރި ސިޓީ ކައުންސިލުގެ ފުރަތަމަ ދުވަހު ނިންމާފައިވާ ނިންމުންތަކުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކިން ޒޯނުތަކުގެ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
މަގުތައް އޮންނަ ހާލަތުންނާއި، މަގުތައް ބަންދު ކުރުމުންނާއި، އެންމެ ބޮޑަށް ގެއްލުންވާ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންނަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެ ހުރިހާ ކަމެއްގެ މައްޗަށް ޕާކު ކުރަން 3000 ރުފިޔާ ދައްކަން ޖެހުމުން އެ މީހުންނަށް ގެއްލުންވާ ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް އޮއްވާ މި ޖެހެނީ 3000 ރުފިޔާ ދީފައި ޕާކިން ޒޯނުގައި ޕާކް ކުރަން. މިކަން މިއީކީ އިންސާފުވެރި ގޮތެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު ކައުންސިލުގެ އިއްތިފާގުން 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަ ކުރަން ނިންމާފައިވާ ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭގެ ސީދާ ފައިދާ ވާނީ ރައްޔިތުންނަށް އާހިރުގައި. އެއީ ޓެކްސީތަކުން ލިބޭ ގެއްލުން ކުޑަކުރެވުނީމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ޕާކިން ޖާގައިގެ މައްސަލަ ހައްލު ކުރަން މުސްތަގުބަލުގައި ޕާކިން ފްލޯތަކެއް ހިމެނޭ ގޮތަށް މިކްސްޑް ޔޫސް އިމާރާތްތައް އަޅާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް އަދި ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޕާކް ކުރުމާ ގުޅޭ ގަވައިދު އެކުލަވާލައި އެ ގަވައިދު ތަންފީޒު ކުރަންވެސް ފަށާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.