ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އިއްޔެ މާލޭ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވި އިރު މިއަދު ރަސްމީކޮށް މަސައްކަތް ވަނީ ފަށައިފަ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ސިޓީ ކައުންސިލުން ފާސް ކުރި ކަންތައްތަކުގެ މައުލޫމާތު ދީފަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ، މިހާރުވެސް ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލެވި، ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ދަފްތަރުގައި ޖެއްސުން މެނދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންނާއި، ނުލިބި ތިބި މީހުން ދެނެގަނެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އަދި ދަފްތަރުގައި ޖެހޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއްތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައްވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދަފްތަރުގެ ޖެހިފައި ތިބި ރައްޔިތުންނަށް އެކަން ހައްލު ކުރެވޭނެ ގޮތެއް ކަނޑައަޅައި އަދި އިތުރަށް ދަފްތަރުގައި ޖެހޭއިރު މި ގެންގުޅޭ އުސޫލު އެއީ ރަނގަޅު އުސޫލެއްތޯ އަޅުގަނޑުމެން ބަލައި އެ މަގުސަދު ހާސިލު ކުރުމުގައި އެންމެ ރަނގަޅު އުސޫލެއްތޯ ބަލައި ގާނޫނެއް ވިއްޔާ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް، އެކަންކަން ކުރެވެންދެން ދަފްތަރުގައި އިތުރަށް ނުޖައްސަން މިއަދު ކައުންސިލުން ނިންމީ،"
ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން މިއަދު މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.