ހަރުކަށި ފިކުރު ފަތުރާ ބޮޑެއް މާލެ އިން ހައްޔަރުކޮށްފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހަކު މާލެ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ ހައްޔަރުކޮށްފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސަލާމަތީ ބާރުތަކުން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ނަޝީދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ. އަދި އެ އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތުގެ ތެރެއިން، ހަރުކަށި ފިކުރާ ޓެރަރިޒަމާ ދެކޮޅަށް މި މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ވެސް ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ހަތަރު މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް