އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދިވެހީންގެ ނަމުގައި، ގައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ތެޔޮ ހަދިޔާކޮށްފި އެވެ.
ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލަކީ، ފަލަސްތީނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ. މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ޒަހަމްވަމުން އަންނަ އިރު، އެންމެ ބޮޑަށް އަނިޔާވާ މީހުންނަށް ފަރުވާ ދޭން ގެންދަނީ އަލް ޝިފާ ހޮސްޕިޓަލަށެވެ. ހަބަރުތައް ބުނާގޮތުން، އެ ހޮސްޕިޓަލް މިވަގުތު އޮތީ މުޅިން ފުރިފަ އެވެ.
އައިއޭސީ އިން ބުނީ ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން، އެ ހޮސްޕިޓަލަށް ކަރަންޓުގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އައިއޭސީގެ ފަރާތުން ދިވެހީންގެ އެހީގެ ގޮތުގައި 2,547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
"މި ތެލުގެ ސަބަބުން ކަރަންޓު ގޮސްގެން ހޮސްޕިޓަލްގެ ހިންގުމަށް ދިމާވެގެންދާނެ ދަތިތަކަށް އިންޝާﷲ ލުޔެއް ލިބިގެންދާނެ،" އައިއޭސީ އިން ބުންޏެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_162133933060OzQC.jpeg)
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ދިވެހީންގެ ނަމުގައި ގައްޒާގެ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް --- ފޮޓޯ/ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
އައިއޭސީ އިން އަންނަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހީންގެ އެހީގެ ގޮތުގައި ކާބޯތަކެއްޗާއި އަންނައުނު ވެސް އަންނައުނު ވެސް ފަލަސްތީނު ރައްޔިތުންނާ ހަމައަށް އަންނަނީ ގެންގޮސްދެމުންނެވެ.
އެ ކެމްޕެއިން އިން ދުނިޔޭގެ 17 ސަރަހައްދެއްގެ އެތައް ގައުމަކަށް ފާއިތުވި ހަތަރު އަހަރު ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިވަގުތު ގާޒާގައި އެމާޖެންސީ ހާލަތެއް އޮތުމުން، ގާޒާގައި އިމާޖެންސީ ރިލީފް އޮޕަރޭޝަނެއްގެ ގޮތުގައި ކެމްޕެއިން ވަނީ ފުޅާކޮށްފަ އެވެ.
"ލޯތްބާއެކު"ގެ ނަމުގައި މިހާރު ކެމްޕެއިން މެދުވެރިކޮށް، ހަ ރޯދަ ނިމެންދެން ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވެވޭނެ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_16213393126494JC.jpeg)
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ދިވެހީންގެ ނަމުގައި، ގައްޒާގެ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދެނީ --- ފޮޓޯ/ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
ހަމަލާތަކުގެ ސަބަބުން ގެތަށް ބިމާހަމަވެ މަގުމަތިވެފައިވާ ފަލަސްތީނުގެ އާއިލަތަކަށް ދިވެހީންގެ ފަރާތުން ލިބުނު އެހީ ނަގުދު ފައިސާގެ ގޮތުގައި އިއްޔެ ވަނީ ބަހައިފަ އެވެ. އެގޮތުން ނަގުދު ފައިސާ އައިއޭސީގެ ތިން ޕާޓްނަރެއް މެދުވެރިކޮށް ޣައްޒާގެ 90 އާއިލާއަށް, ކޮންމެ އާއިލާއަކަށް 100 އެމެރިކާ ޑޮލަރުގެ މަގުން ފައިސާ ފޯރުކޮށްދީފައިވާނެ ކަމަށް އެ ކެމްޕެއިން އިން ބުންޏެވެ.
"އުންމީދަކީ އަދި ދުއާއަކީ މިފައިސާގެ ސަބަބުން އެ އަޚުންނާއި އުޚްތުންނަށް ބޭނުންޖެހިފައިވާ ކަންތައްތަކުގެ ތެރެއިން ކޮންމެސް މިންވަރެއް ހާސިލްވުން،"
ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް ނަންބަރަކީ: 7770000026259 (ރުފިޔާ އެކައުންޓް)
އިތުރު މައުލޫމާތު: 9122121 (ހޮޓްލައިން އަދި ވައިބާ)