ބިލް ގޭޓްސް މައިކްރޯސޮފްޓުގެ ބޯޑުން އިސްތިއުފާ ދިނީ މުވައްޒަފަކާ ބޭއްވި ގުޅުން ތަހުގީގު ކުރަނިކޮށް

ބިލް އާއި މެލިންޑާ ގޭޓްސް ވަނީ ވަރިވާން ނިންމާފައިވާކަން މިމަހުގެ ކުރީކޮޅު އިއުލާންކޮށްފަ --- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މެއި 18): ބިލް ގޭޓްސް މިދިޔަ އަހަރު މައިކްރޯސޮފްޓުގެ ބޯޑުން އިސްތިއުފާ ދިނީ އޭނާ އެ ކުންފުނީގެ މުވައްޒަފަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ތަހުގީގެއް އެ ކުންފުނިން ކުރިއަށް ގެންދަނިކޮށް ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި މައިކްރޯސޮފްޓުގެ ތަރުޖަމާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ ގޭޓްސް 2000 ވަނަ އަހަރު މުވައްޒަފަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށާއި އެ ގުޅުން އަހަރުތަކެއް ވަންދެން ދެމިއޮތް ކަމަށް ބުނާ ސިޓީއެއް ލިބިފަ އެވެ. އަދި މައިކްރޯސޮފްޓުގެ ބޯޑުން ގޭޓްސް އިސްތިއުފާ ދިނީ އެ މައްސަލަ ކޮމިޓީއަކުން ތަހުގީގު ކުރަމުން ދަނިކޮށް ކަމަށް ޖާނަލްގައިވެ އެވެ.

އެ ރިޕޯޓާ ގުޅިގެން ގޭޓްސްގެ ތަރުޖަމާނަކު ވަނީ މީގެ 20 އަހަރު ކުރިން އޭނާ މުވައްޒަފަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށާއި އެ ގުޅުން ނިމުނީ ދެ ފަރާތުން އެއްބަސްވެގެން ސުލްހަވެރިކޮށް ކަމަށް ބުނެފަ އެވެ. އަދި ގޭޓްސް ކުންފުނީގެ ބޯޑުން އިސްތިއުފާ ދިނުމާ އެ މައްސަލައާ ގުޅުމެއް ނެތް ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.

ގޭޓްސް އާއި އޭނާގެ އެކުވެރިޔެއް ކަމަށްވާ ޕޯލް އެލެން 1975ގައި އުފެއްދި މައިކްރޯސޮފްޓު ކުންފުނީގައި ގޭޓްސް ވަނީ 2000 ވަނަ އަހަރާ ޖެހެންދެން ސީއީއޯކަން، 2006 އާ ޖެހެންދެން ޗީފް ސޮފްޓްވެޔާ އާކިޓެކްޓުކަން އަދި 2014އާ ޖެހެންދެން ޗެޔާމަން ކަން ކޮށްފަ އެވެ. އޭގެ ފަހުން އޭނާ ދިޔައީ ކުންފުނީގެ ބޯޑުގެ މެމްބަރު ކަމާއި ސީއީއޯގެ ޓެކްނިކަލް އެޑްވައިޒަރު ކަން ކުރަމުންނެވެ.

ގޭޓްސް މައިކްރޯސޮފްޓުގެ ބޯޑުން އިސްތިއުފާ ދިނީ 13 މާޗް 2020ގަ އެވެ. އޭރު އޭނާ ބުނީ އިސްތިއުފާ ދިން މައިގަނޑު ސަބަބަކީ ހިލޭ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް އިސްކަން ދިނުން ކަމަށެވެ.

އޭގެ ފަހުން މިމަހު 4ގައި ގޭޓްސް އާއި އަންހެނުން މެލިންޑާ ވަނީ ވަރިވާން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެ ދެ މީހުން ޓުވިޓާ މެދުވެރިކޮށް ބުނި ގޮތުގައި ވަރިވާން ނިންމާފައި ވަނީ އެކަމާ ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު އެވެ. އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ ދެ މީހުންގެ ގޮތުގައި ދެން ކުރިއަށް ދެވެން ނެތުމުން ކަމަށެވެ.

ބިލް އާއި މެލިންޑާ އެންމެ ފުރަތަމަ ދިމާވީ 1980ގެ އަހަރުތަކުގައި މެލިންޑާ، މައިކްރޯސޮފްޓުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭގެ ފަހުން 1994ގައި ކައިވެނިކޮށް، އެ ދެ މީހުންނަށް ވަނީ ތިން ކުދިން ލިބިފަ އެވެ. އަދި ފަގީރުކަމާއި ބަލިމަޑުކަމާ ދެކޮޅަށާއި ހަމަހަމަ ކަމަށް މަސައްކަތް ކުރާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ހިންގަނީ މި ދެމަފިރިން ގުޅިގެންނެވެ.

ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާގެ މިލްކިއްޔާތުގެ އަގު 130 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސްގައިވެ އެވެ.

comment ކޮމެންޓް