އިސްރާއީލު ފަތުރުވެރިން އައުން މަނާކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް 

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

އިސްރާއީލުން، ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އުދުވާނުތައް ހުއްޓާލަންދެން، އިސްރާއީލު ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި މި އަހަރުގެ ރަމަޟާން މަހު، ފަލަސްތީނުގެ ޝެއިޚް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނު އާއިލާތައް، އެމީހުންގެ އަމިއްލަ ބިންތަކުން ނެރެ، އެ ބިންތަކުގައި އިސްރާއީލުގެ ޣައިރު ގާނޫނީ އާބާދުވުންތައް ގާއިމުކުރަން ނިންމުމުން އެކަމާ ދެކޮޅަށް އަޑުއުފުލި ފަލަސްތީނު ރައްޔިތުނަށް އިސްރާއީލު ސިފައިން ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އަދި އެކަމުގެ ރައްދުގައި މަސްޖިދުލް އަޤްޞާއަށް ހަމަލާދީ، ގަދަކަމުން ވަދެގަނެ، އެތަނުގައި އަޅުކަންކުރަން ތިބި މީހުންނަށް ހަމަލާދީ އެ މީހުންގެ ލޭ އޮހޮރުވައި، މިސްކިތުގެ ހުރުމަތް ކަނޑާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް، އިސްރާއީލުން ގައްޒާއަށް ދެމުން އަންނަ ސިލްސިލާ ހަމަލާތައް ވަރުގަދަކޮށް، އިސްރާއީލް އަސްކަރިއްޔާގެ "ޑާހިޔާ ޑޮކްރައިން: އާ އެއްގޮތަށް، ހަނގުރާމަވެރިންނާއި އާންމު ރައްޔިތުންނާ މެދު ތަފާތުކުރުމެއް ނެތި، ގައްޒާއަށް ދޭ އުދުވާނީ ހަމަލާތަކުގައި ގިނަ އަދަދެެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި ދުވަސްވީ މީހުން ޝަހީދުކޮށް، ތާހިރު ލެއިން ގައްޒާގެ ބިން ތައްތަޅުވާފައިވާ ކަމާއި، އިސްރާއީލުގެ އަމަލުތައް ލާއިންސާނިއްޔަތު ކަމުގެ ނިޔާހަތަށް ގޮސްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައިވާ، ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުގެ އާބާދުވުންތައް ގާއިމުކުރަން ނިންމައި، އެކަމަށް މަސައްކަތް ކުރަމުން ދާތީ އާއި، އަޤްޞާ މިސްކިތް ހަލާކުކޮށް، ސުންނާފަތިކޮށްލުމަށް އިސްރާއީލުން އިންތިޒާމީ ސިފައެއްގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ.

ކުއްލި މައްސަލަ ލިޔުނު ވަގުތާ ހަމައަށް ޣައްޒާއިން އެކަނި 47 ކުޑަކުދިންނާއި 29 އަންހެނުން ހިމެނޭ ގޮތުން ޖުމްލަ 174 މީހުން އިސްރާއީލު އުދުވާނުގައި ޝަހީދުކޮށްލާފައިވާތީ އާއި، އިރުމަތީ ގުދުސްގައި ސުލްހަވެރިކޮށް އިހްތިޖާޖުކޮށް މުޒާހަރާކުރާ ފަލަސްތީނި ރައްޔިތުންގެ ތެރެއަށް ބަޑިން ހަމަލާދީ އެތަނުން ވެސް 11 މީހަކު ޝަހީދުކޮށް، އެތައް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް" ދީފައިވާ ކަމަށް ޝިޔާމްގެ މައްސަލައިގައި ބުނެފައިވެ އެވެ.

ޝިޔާމް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، އިސްރާއީލުގެ އަމަލުތަކާ ދެކޮޅާށް ރާއްޖެއިން ބަސްބުނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ނުރުހުން ފާޅުކުރަމީ ނެރެލާ ބަޔާނަކުން ނުވަތަ ބުނެލާ ބަހަކުން އެކަނި ކުރެވޭނެ ކަމެއް ކަމަށް ދެކކެވަޑައިނުގަންނަވާ ކަމަށާއި އަމަލީ ސިފައެއްގައި ރާއްޖެއިން ކަމެއް ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން އުދުވާން ހުއްޓާލަންދެން، އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ނިންމާފައިވާ ގޮތަށް، އިސްރާއީލުގެ އުދުވާން ނިމުމަކަށް ގެންނަންދެން، އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން ޝިޔާމް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އިސްރާއީލު ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. އަދި އިސްރާއީލްގެ އުފެއްދުންތައް ވެސް ހުއްޓާލުމަށް އަންނަނީ ގޮވަމުންނެވެ.

comment ކޮމެންޓް