ރާއްޖެއަށް އިސްރާއިލުގެ އުފެއްދުންތައް އެތެެރެއެއް ނުކުރެވޭނެ: ފައްޔާޒު

އިކޮނަމިކް މިނިސްޓަރު ފައްޔާޒު --- ފޮޓޯ: އެންއީއޯސީ

އިސްރާއިލުގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން 2014 ވަނަ އަހަރު މަނާކޮށްފައިވާ ކަމަށާއި އޭރުގެ ސަރުކާރުގެ އިއުލާނާ އެއްގޮތަށް މިހާރުވެސް އެ ގައުމުގެ އުފެއްދުުންތައް ރާއްޖެ އަށް އެތެރެކުރުން މަނާވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ "ސަން" އަށް ވިދާޅުވީ 2014 ވަނަ އަހަރު އޭރުގެ ސަރުކާރުން އިއުލާނެއްކޮށް އިސްރާއިލުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައިވާ ކަމަށާއި މި ސަރުކާރުންވެސް އެ ނިންމުން ދަމަހައްޓަމުންދާ ކަމަށެވެ.

"ރާއްޖެއަކަށް މޭޑް އިން އިޒްރޭލް ގުޑްސް އެއް ނުވެއްދޭނެ. ބައެއް ކަހަލަ ބޭސް އެއްވެހި ހަމައެކަނި އެތަނުން ލިބޭ، ބައެއް ހާލަތްތަކުގައި ހާއްސަ ހުއްދައަކުން ގެންނަ،" މިނިސްޓަރު ވިދާޅުވި އެވެ.

"ފަލަސްތީނުގެ ހާލަތު ރަނގަޅުވެ ސުލްހަ ގެނެވެންދެން އެކަން އޮންނާނީ އެގޮތަށް،"

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށާއި ރާއްޖޭގެ ނިންމުމުން އިސްރާއިލް އަށް އަސަރެއް ނުކުރި ނަމަވެސް ރާއްޖޭގެ އެ ނިންމުމަކީ ފަލަސްތީނުގެ އަޚުންނާއެކު ރާއްޖެއިން އޮތްކަން އަންގައިދޭ ނިންމުމެއް ކަމަށެވެ. އަދި އެ ކަން ބަދަލު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ،

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށ އިސްރާއިލުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލަން ގޮވާލާ އަޑު ވަނީ މުޅި ދުނިޔޭގައިވެސް ގަދަ ވެފައެވެ.

comment ކޮމެންޓް