ނީލޯފަރު ހިނގުމުގައި ޕާކުކުރުން މަނާ ނުކުރެވުނީ ޕްލޭނިން އާ ހުރެ: ސިޓީ ކައުންސިލް

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނީލޯފަރު ހިނގުމަކީ ޕާކު ކުރުން މަނާ މަގެއްގެ ގޮތުގައި ހަމަޖެހިފައި ނުވަނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގެ ސަބަބުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއަދަށް ދައުރު ހަމަވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނީލޯފަރު ހިނގުމަކީ މާލޭ ސިޓީގައި ދުއްވާ އެއްޗެހި ދުއްވުން މަނާ މަގެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ މަގެއް ކަމަށެވެ. އަދި އެ މަގުގެ ޕާކިންޒޯނު ތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯނު ހަމަޖެއްސުމަށްފަހު އެ މަގަކީ ދުއްވާއެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ މަގެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ އެ މަގަކީ ހަނިގޯޅިއަކަށް ވެފައި އެ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ސެކިޔުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް ޑިފެންސް މިނިސްޓްރީގެ ސިޓީ އަކުން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ސިޓީ ކައުންސިލުގެ މޭޔަރުގެ ބަޔާނުގައި ބުނީ ޑިފެންސްގެ އެދުމަށް ނީލޯފަރު ހިނގުމުގެ ޕާކިމން ޒޯނު ނެގުމުގެ މަސައްކަތް އަވަސް ކުރަން މަސައްކަތް ފެށި ކަމަށާއި އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށެވެ. އެ ސިޓީ މޭޔަރުގެ ފޯނުން، މިނިސްޓަރު މުހައްމަދު އަސްލަމް އަށް ވަޓްސް އެޕް ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

ޕާކު ނުކުރެވޭ މަގަކަށް ނީލޯފަރު ހިނގުން ހެދުމުގެ ކަންތައް އަވަސް ކުރުމަށް އެކި ފަހަރު މަތިން މޭޔަރުގެ ހައިސިއްޔަތުން ޕްލޭނިން މިނިސްޓަރު އަސްލަމަށް ގުޅި ކަމަށާއި ބިއްލޫރިޖެހިގެ ނުވަތަ ފޭދޫ ކޮށި ދިނުމަށް އެދިފައިވާނެ ކަމަށްވެސް މޭޔަރުގެ ބަޔާނުގައި ވެއެވެ.

"އަދި މި ދެބިން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މޭޔަރު އިންނެވި މަޖިލީހެއްގައި ރައީސް ނަޝީދުވެސް މިނިސްޓަރު އަސްލަމް އަރިހުގައި ދަންނަވާފައި ވެއެވެ،" އެ ބަޔާނުގައި ބުންޏެވެ.

"ނިލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށް ގ. ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ލިބުނު ފޭސޫ ކޮށި (ބްލޮކް 139) މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީ އިން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ އެވެ،" ބަޔާނުގައި ބުންޏެވެ.

ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި މި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާއެއްގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ. އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ މިހާރު ޖަރުމަނުގަ އެވެ.

comment ކޮމެންޓް