ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނީ

ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ސޯދުބެ އަށް ކުރީގެ ރައީސް މައުމޫން ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް19 އަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުފުޅުން 86 އަހަރުގެ ސޯދުބެ ބަލިވެ އުޅޭތާ ހަފްތާއެއް ހައި ދުވަސް ވެއްޖެ ކަމަށް އާއިލާ އިން ބުންޏެވެ. "ސަން" އާ ވާހަ ދެއްކި ސޯދުބެ ގެ ދަރިއަކު ބުނީ ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫން ކަމަށެވެ. ނަމަވެސް ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުންގެ ލަފަޔާއެކު ހޮސްޕިޓަލަށް ބަދަލު ކުރީ ކަމަށް އާއިލާ އިން ބުންޏެވެ.

"ކުއްލިއަކަށް ހާލު މާ ބޮޑަށް ގޯސްވެގެން ހޮސްޕިޓަލަށް ބަދަލު ކުރުމަށްވުރެ ކުރީބައިގަ ފަރުވާ ދެމުން ގެންދިޔުން ރަނގަޅު ކަމަށް ޑޮކްޓަރުން ލަފާ ދިނީމާ ބަދަލު ކުރީ. މިއަދު އުޅުނު ކޮންމެވެސް ވަރަކަށް މެޔަށް ތަދުވާތީ. އެކަމަކު އިރާދަ ކުރެއްވިއްޔާ އޮކްސިޖަން ލެވެލް ވެއްޓިފައެއް ނުވޭ،" އާއިލާ އިން ބުންޏެވެ.

ސޯދުބެ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

comment ކޮމެންޓް