ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓުންނަށް ފަރުވާ ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ޕޮޒިޓިވްވާ މީހުންނަށާއި އެމީހުންގެ ކޮންޓެކްޓުންނަށް އޮންލައިންކޮށް ކޮންސަލްޓޭޝަން ހަދައި، ފަރުވާ ދިނުމުގައި މަސައްކަތް ކުރާނެ 10 މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ. އަދި ގޭގައި ތިބޭ މީހުންނަށް ޒިޔާރަތްކުރަން ޖެހޭ ހާލަތްތަކުގައި ގޭގެއަށް ޒިޔާރަތްކޮށްގެން ހިދުމަތް ދޭން ޖެހިއްޖެ ހާލަތެއްގައި ގޭގެއަށް ޒިޔާރަތްކުރާ މެޑިކަލް އޮފިސަރުންނަށް އުޖޫރައިގެ ގޮތުގައި ގަޑިއަކަށް 88.50 ރުފިޔާ ކަނޑައަޅާފައި ވެއެވެ. މަސައްކަތުގެ ވަގުތު ކަނޑައަޅާނީ ދެފަރާތް އެއްބަސްވާ ގޮތަކަށް ކަމަށް ބުނެފައި ވެއެވެ.
ނަރުހުންނަށް އުޖޫރައިގެ ގޮތުގައި ގަޑިއަކަށް 61.26 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތްކުރަން ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާނު ކޮށްފައިވާއިރު އެ މަސައްކަތަށް ކުރިމަތިލުމުގެ ސުންގަޑި އަކ ީ މެއި 20 ވަނަ ދުވަހުގެ 12:30 އެވެ.
ކޮވިޑަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދޭނެ ވަގުތީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނު ކޮށްފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 15،666 އަށް އަރާފައިވާއިރު 260 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މިހާތަނަށް 97 މީހަކު ވަނީ މަރުވެފަ އެވެ.