ކޯޑު ކުރުމުގައި ދިވެހި ކުދިންގެ ހުނަރު އީ ކާޑުތަކުން

ފިތުރު އީދާ ދިމާކޮށް "ދަ ސާރކަލް ބައި އުގައިލު ފައުންޑޭޝަން" ގެ ދަރިވަރުން ތައްޔާރުކޮށްފައިވާ އީ ކާޑުތަކުން އެކުދިންގެ ކޮމްޕިއުޓާ ކޯޑިންގެ ފަންނީ ހުނަރު ދައްކާލައިފި އެވެ.

"ދަ ސާރކަލް" އަކީ ކުޑަކުދިން ސައިންސާއި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ ގޮތުން އުގައިލު ފައުންޑޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން، އޮންލައިންކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުތަކެކެވެ. އެ ޕްރޮގްރާމްތަކުގައި އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ އެތައް ސަތޭކަ ދިވެހި ކުޑަކުދިން ކޯޑުކޮށް ވެބްސައިޓް ހެދުމާއި، ގޭމު ތައްޔާރުކުރުމުގެ އާ ހަރުފަތަކަށްދާން ވަނީ މިސްރާބު ޖަހާފަ އެވެ.

އީދާ ދިމާކޮށް އެކުދިންގެ މައިންބަފައިންނާއި އާއިލާ މީހުންނަށް ފޮނުވަން އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށްފައިވާ އީ ކާޑުތަކުން، އެކުދިންގެ ހުނަރު ވަނީ ދައްކާލައިފަ އެވެ.

އުގެއިލް ފައުންޑޭޝަނުން ބުނީ، ކާޑު ތައްޔާރުކުރުމުގައި ޒަމާނީ ވެބްސައިޓް ހަދަން ބޭނުންކުރާ ކޯޑިންގެ ބައިތަކުގެ އިތުރުން ކާޑުގައި އީދާ ގުޅޭ މިއުޒިކު ވެސް އެކުދިން ހިމަނާފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުދިން ޕްރޮގްރާމު ފުރިހަމަކުރަމުން އަންނަ އިރު، އެކުދިންގެ ވިސްނުމާއި ފިކުރު އަދި އަމިއްލަވަންތަކަން އެކުދިންގެ އީކާޑުތައް ޑިޒައިންކޮށް ކޯޑު ކުރުމަގައި ވަރަށް ބޮޑަށް ބޭނުން ކޮށްފައި ވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދާ "ދަ ސާރކަލް” ގައި ކިޔަވައިދެނީ ރާއްޖެއާއި އަދި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.

އުގައިލު ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގައިލު ވިދާޅުވީ ޕްރޮގްރާމުގެ ސަބަބުން ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ކުދިންނަށް ވަރަށް ގިނަ ކަންކަން ދަސްވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުފާވޭ ކުދިންގެ ހުނަރު ފެނިފަ. ހާއްސަކޮށް ދަސްކޮށްދޭ ބައިތަކުގައި އެކުދިން އަމިއްލަ ވިސްނުން ގެންގުޅޭގޮތް. ފާއިތުވި ކުޑަ ދުވަސްކޮޅުގައި އެޗްޓީއެމްއެލް އަދި ޖާވާ ސްކްރިޕްޓް ފަދަ ބައިތައް ބޭނުންކޮށްގެން މިކުދިން ވަނީ އާދައިގެ ކާޑެއް ހެދުމުން ފެށިގެން، ވެބްސައިޓް އަދި ގޭމު އަމިއްލައަށް ތައްޔާރުކުރެވޭ ވަރަށް ކޯޑިންސް ދަސްކޮށްފަ. އެތައް ސަތޭކަ ކުދިން މި ޕްރޮގްރާމުގައި އުޅޭއިރުވެސް ހުރިހާ ކުދިންގެ ކޯޑު ކުރުމާއި ވިސްނުމުގެ ފެންވަރު އެއްހަމައެއްގައި ކުރިއަށް ނެރެވޭތީ އަދި ވަކިން އުފާވޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އެޗްޑީސީގެ އެހީތެރިކަމާއި އެކު މިފަދަ ޕްރޮގްރާމެއް މެދުވެރިކޮށް ކުދިންނަށް ޒަމާނީ ތައުލީމުގެ ބައިތައް ފޯރުކޮށްދެވޭތީ،" ޕްރޮފެސަރ އުގައިލު ވިދާޅުވި އެވެ

ޕްރޮފެސަރ އުގައިލު ވަނީ ޕްރޮގްރާމުގައި ބައިވެރިވާ އުމުރުން 13 އަހަރުގެ ކުއްޖަކު އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށް އޭނާއަށް ފޮނުވާފައިވާ އީކާޑެއް އަމިއްލަ ސޯޝައަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

"ދަ ސާރކަލް" ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އަދި "ލީޑަރސް އޮފް ޓުމޯރޯ" މިއީ އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން އުގައިލު ފައުންޑޭޝަނާއި އެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ އިތުރުން އެޗްޑީސީ އިން ވަނީ އުގައިލު ފައުންޑޭޝަނާއި ގުޅިގެން "ދަ ސާރކަލް ސްޕޭސް"ގެ ނަމުގައި ހުޅުމާލޭގައި ލައިބްރަރީއެއް ވެސް ހުޅުވާފަ އެވެ.

comment ކޮމެންޓް