ޕްރައިވެޓް ޖެޓެއްގައި ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފި

ނަޝީދު ފުރާވަޑައިގެންނެވި ޕްރައިވެޓް ޖެޓް ވެލާނާ އެއާޕޯޓުން މިއަދު ނައްޓާލަނީ --

ބޮމެއް ގޮއްވާލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

މިއަދު ހެނދުނު 9:00 އެހާއިރުން ފެށިގެން އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދެވި އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގަ އާއި އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރު ކުރައްވާ މަގުތަކުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރި އެވެ. އެގޮތުން މަޖީދީ މަގާއި ރިންގު ރޯޑްގައި ހަތިޔާރު އެޅި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވި އެވެ.

މީގެ އިތުރުން ބުރިޖް ކައިރިން ކަނޑުމަތީގައިވެސް ކޯސްޓް ކާޑުގެ އުޅަނދުތައް ގެންދިޔައީ ފޯރި މަރަމުންނެވެ.

ރައީސް ނަޝީދުގެ އިންނެވި އެމްބިއުލަންސާ އެކު އެމަނިކުފާނުގެ މޮޓޯކޭޑްގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އުޅަނދުތައް ހިމެނެ އެވެ. އެގޮތުން ސިގްނަލް ޖޭމަރާއި އިތުރު އެމްބިއުލަންސަކާއި ގިނަ އަދަދެއްގެ ހަށިފާރަވެރިން ތިބި ވެހިކަލްތައް ވެސް މޮޓޯކޭޑުގައި ހިމެނެ އެވެ. ވެލާނާ އެއާޕޯޓަށް ދިޔުމަށް އެމަނިކުފާނުގެ މޮޓޯކޭޑް ދަތު ފެށީ ހެނދުނު 11:00 އެހާކަންހާއިރު އެވެ. އެމަނިކުފާނުގެ މޮޓޯކޭޑު ބުރިޖްމަތިންގޮސް މަޑުކުރީ ވެލާނާ އެއާޕޯޓުން އެމަނިކުފާނު ފުރާވަޑައިގަންނަވާ ޖެޓްކައިރީގަ އެވެ.

އެމަނިކުފާނާ އެކު ރައީސް ނަޝީދުގެ އާއިލާ ބޭފުޅެއް ކަމަށްވާ އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އިތުރު އާއިލާގެ ބޭފުޅަކު ވަޑައިގެންނެވިކަން އެނގިފައިވެ އެވެ. އެމަނިކުފާނު ވަޑައިގަންނަވަނީ ޖަރުމަނަށެވެ. އެގޮތުން ޖަރުމަނުގައި ރިހިބިލިޓޭޝަނާއި ރިކަވަރީގައި ދުވަސްތަކެއް އެމަނިކުފާނު ހޭދަ ކުރައްވާނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ ރައީސް ނަޝީދު މިއަދުގެ ވަގުތެއްގައި އެ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅުން ނިކުމެވަޑައިގަތް ކާރަށް އަރުއްވަނިކޮށް ގޮއްވާލި ބޮމުގެ ސަބަބުން އެމަނިކުފާނުގެ ބޮލާއި މޭކަށިތަކާއި ފަޔަށް އަދި ބަނޑަށް ވެސް އެކިވަރުގެ އަނިޔާތައްވެ ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ވަނީ ހޮސްޕިޓަލްގައި ކޮށްފަ އެވެ.

comment ކޮމެންޓް