މާލޭގައި ކާފިއު ހިންގާ ވަގުތު މާދަމާއިން ފެށިގެން ހަވީރު 4:00 ގައި ފަށާގޮތަށް ނިންމައިފިއެވެ. މިގޮތަށް އިތުރުކުރީ އެއް ހަފްތާގެ މުއްދަތަށެވެ.
މިހާރު މާލޭގައި ކާފިއު ހިންގަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.
އެހެން ނަމަވެސް ކޮވިޑް19 ފެތުރުން އިތުރުވެފައިވާތީ ކާފިއުގެ ވަގުތު މާދަމާއިން ފެށިގެން އެއް ހަފްތާ ވަންދެން އޮންނާނީ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މާލޭ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވަނީ ފަހަކަށް އައިސް ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓިފައިވަނިކޮށެވެ.
ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ދެ ދުވަހު، ބެކްލޮގް އާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކާފިއު ވަގުތަށް ބަދަލު ގެނައުމުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލަން ވަނީ އަންގައިފަ އެވެ. އެފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތެވެ.
ފުލުހުންގެ ހުއްދައާއެކު މެންދަަމު 12 އާހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީޕީއޭ އިން ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ