ބޮޑު ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވުން ޒިންމާދާރެއް ނޫން: ހަސަން ލަތީފު

އޮކްޓޫބަރު 21، 2020: މަޖިލިސް ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުމަށް ގޮވާލުމަކީ ޒިންމާދާރު ގޮތެއް ނޫންނަކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ލިސްޓު ހިއްސާކޮށްފަ އެވެ. ނަމަވެސް މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތަކަށް އެ ކޮމިޓީގެ މަސައްކަތްތައް ސިއްރުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އާންމުންނާއި މަޖިލިސް ބައެއް މެމްބަރުން ވެސް ވަނީ ލިސްޓު ހާމަކުރުމަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ.

މިއަދު ކުރިއަށް ދިޔަ ޖޮއިންޓް ކޮމިޓީގައި، ކޮމިޓީގެ މުގައްރިރު، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމިޓީއަށް ފޮނުވި ސިޓީ ހިއްސާކޮށްފަ އެވެ. ކޮމިޓީ ސިއްރު ކުރީ އޭގެ ފަހުންނެވެ.

ލިސްޓު ހާމަކުރަން ކޮމިޝަނުން ބޭނުމެއް ނޫން

އެ ސިޓީގައި ބުނެފައި ވަނީ ކޮމިޓީއަށް ފޮނުވި ލިސްޓުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ލިބުނު ކަމަށް މައުލޫމާތު ލިބިގެން ހިމަނާފައިވާ ފަރާތްތަކަކީ އެ ފަރާތްތަކެއްގެ މައްޗަށް، އިތުރަށް ތަހުގީގެއް ހިންގުމަށް ފަހު މެނުވީ، ޖިނާއީ ތުހމަތެއް އުފުލަން ޖެހޭ ނުވަތަ މަދަނީ ދައުވާއެއް އުފުލަންޖެހޭ ފަރާތެއް ކަމުގައި ކަނޑަނޭޅޭނެ ފަރާތްތަކެއް ކަމަށެވެ.

މައްސަލައިގައި މިހާތަނަށް ކުރެވުނު ތަހުގީގުން ލިބުނު މައުލޫމާތަށް ބަލާއިރު، ޖިނާއީ ނުވަތަ މަދަނީ އެއްވެސް ދައުވާއެއް އުފުލުމުގެ ފުރުސަތެއް ނެތް ފަރާތްތަކާއި، ވަކި ފަރާތްތަކެއް ކަށަވަރު ކުރެވެން ނެތް ފަރާތްތައް އެ ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށް ސިޓީގައިވެ އެވެ.

އެ ސިޓީގައި ހިމަނާފައި ވަނީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ހިންގަމުންދާ ގޮތާ މެދު ކޮންމެހެން އެނގެންޖެހޭ މުހިންމު މައުލޫމާތެވެ. އޭގެ ތެރޭގައި ފަރުދެއް ނުވަތަ ޝަހުސެއް އެއީ ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި ކަނޑައަޅާ ގޮތާއި، ތުހުމަތު ކުރެވޭ ފަރާތްތައް ތަރުތީބު ކުރެވޭ ގޮތް ހިމަނާފައިވެ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ބުނީ އެއީ ކޮންމެހެން މަޖިލީހަށް އެނގިފައި އޮތުން މުހިންމު މައުލޫމާތެއް ކަމަށެވެ.

ކޮމިޝަނުން ޖޮއިންޓް ކޮމިޓީއަށް ފޮނުވި ލިސްޓުގައި އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެފަރާތްތަކަށް ފައިސާ ލިބުނު ކަަމުގެ ބޭންކް ސްޓޭޓްމަންޓާއި ބޭންކުގެ އެހެނިހެން ލިޔެކިޔުންތަކުން ނުވަތަ މީހެއްގެ ބަޔާނަކުން ނުވަތަ ޑިޖިޓަލް އެވިޑެންސްގެ ޒަރިއްޔާ އިން މައުލޫމާތު ލިބިފައި ފަރާތްތައް ހިމެނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގު ކުރެވޭ ފަރާތްތައް ތަރުތީބު ކުރުމުގެ ގޮތުން، 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އުސޫލެއް ކަނޑައަޅައި ނިންމައިފަ އެވެ. އެ މިންގަނޑު ވެސް މަޖިލީހާ ވަނީ ހިއްސާކޮށްފަ އެވެ.

ކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ މަސައްކަތް ލަސްވާކަމަށް ބަޔާންކޮށް، އެކަމުގެ ސަބަބުތައް ހޯދުމަށް ކޮމިޓީން އެދިފައި އޮތް ބަޔަށް ސިޓީގައި ޖަވާބު ދީފައި ނުވާނެ ކަމަށެވެ. އެއީ މަސައްކަތް ލަސްކަމަށް އެ ކޮމިޝަނުން ގަބޫލުނުކުރާތީ އެވެ.

ސިޓީގައި ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެއްވެސް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ގެއްލުމެއް ނުވަތަ އަދަބެއް ލިބިގެން ދިއުމަކީ އިންސާފެއް ކަމަކަށް މި ކޮމިޝަނުން ނުދެކެވެ. މި މައުލޫމާތުތަކަކީ ހިނގަމުންދާ ތަހުގީގުތަކާ ގުޅުންހުރި މައުލޫމާތުތަކެއް ކަމާއި، ގިނަ ފަރާތްތަކުގެ މައްސަލތައް ހުރީ ހެކި ހޯދުމުގެ މަރުހަލާގައި ކަމަށް ވާތީ މި މައުލޫމާތު އާންމުވެގެން ދިއުމަކީ ތަހުގީގަށް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް މި ކޮމިޝަނުން ދެކެވެ." ސިޓީގައިވެ އެވެ.

އެހެންކަމުން މަޖިލީހުން އެދިގެން ހިއްސާކުރި މައުލޫމާތު އިތުރު ކަމަކަށް ބޭނުން ނުކުރުމަށާއި، މައްސަލަތަކުގެ ބޭނުމަށް މައުލޫމާތު އެނގެން ޖެހޭ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އެ މައުލޫމާތު އެއްވެސް ސިފައެއްގައި ހިއްސާނުކުރުމަށް ކޮމިޝަނުންވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ މައުލޫމާތުތައް ހިއްސާކުރެވޭ ފަރާތްތަކަކީ ގާނޫނީ ގޮތުން، މަސައްކަތުގެ ތެރެއިން ލިބޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ލާޒިމް ކުރާ ފަރާތްތަކަށް ކަމަށް ނުވާ ނަމަ، އެފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ސިޓީ އިއްވައި ނިމުމުން، މެމްބަރު ހަސަން ލަތީފު ވަނީ މިއަދުގެ ބައްދަލުވުން ވެސް ސިއްރުން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.

މެމްބަރު ވިދާޅުވީ ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށް، އޭގައި ހުރި މައުލޫމާތު ސިއްރުކޮށްދިނުމަށް އެދުމުން އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ.

"މި ކޮމިޓީއަށް އަދި ލިސްޓެއްގައި ނަންތަކެއް، ހުރެގެން އަޅުގަނޑުމެންނަށް އެ ލިބުނު ކަމުގައި ވިޔަސް ވެސް އެ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން." މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ހަސަން ވިދާޅުވީ ކޮމިޓީގައި އިންނަވާ އެ ލިސްޓު ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވުމުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ޒިންމާދާރުކޮށް އެކަން ކުރުން ނޫން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިޔަސް އެހެން ބޭފުޅުން ވިޔަސް ވެސް. މިފަދަ މައުލޫމާތެއް އެގޮތަށް ހާމަކުރަން އެހެން ގޮވާލުމާ އަދި އެހެން އެކަން އެގޮތަށް ކުރަން އެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހަށް ލިބޭ ލިޔުންތަކުގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ހާލަތުގައި ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަދި މީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއްގައި ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މި ދައްކަނީ. ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ވާހަކަ. އަދި ބައެއް މައްސަލަތަކަކީ އަދި މައުލޫމާތު އެބޭފުޅުން ހޯއްދަވަމުން ގެންދަވާ ނަންތަކެއްގެ ވާހަކަ. މިކަހަލަ ނަންތަކެއް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހާމަކޮށްގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަަން ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ނަން ލިސްޓު ފެނުމުން ހިތަށް ލިބޭ ހިތްހަމަޖެހުމަކަށްޓަކައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެފަދަ ގޮތްގޮތަށް ޓުވީޓު ކުރައްވާ ކަންކަން ކުރެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮމިޓީން މަސައްކަތް ނިންމާފައި މީގެތެރެއިން ހާމަކުރެވެން ހުރި ނަންތައް ހާމަކުރާނެ. އެކަމާ ދޭތެރޭ އަޅުގަނޑުމެން ޝައްކެއް ނުކުރަން. މި ދަނޑިވަޅުގައި ރައްޔިތުންގެ މެދުގައި ހިތްނުތަނަވަސް ވާގޮތަށް މެމްބަރުން މިކަހަލަ ވާހަކަތައް އާންމުކޮށް ދެއްކެވުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން." މެމްބަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

comment ކޮމެންޓް