މާތްالله އެކި ޒަމާންތަކުގައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމާއި ހިދާޔަތް ދެއްވުމަށް އިންސާނުންގެ ތެރެއިން މާތްالله ޚިޔާރުކުރައްވާ ޚާައްސަކުރަައްވާ ފަރާތްތަކަށް ރަސޫލުކަމާއި ނަބީކަން ދެއްވަވާ އެކަލާނގެ ރިސާލަތު ފެތުރެއްވެވުމުގެ ޒިންމާ ހަވާލުކުރައްވަވައެވެ.
އިންސާނުންނަށް ބުއްދިއާއި ވިސްނުން ދެއްވެވުމުންވެސް އިންސާނުންގެ ތެރެއިން ގިނަބަޔަކު މިވާހަކަތަކަށް ފުރަގަސްދީ އިންކާރުކޮށް މާތްالله ގެ ރިސާލަތު ޤަބޫލުކުރުމަށް ދެކޮޅުހަދަމުންދެއެވެ.
އީސާގެފާނު ރަސޫލުކަމައިގެން ފޮނުއްވެވުމުންވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ކުރިމަތިވީ ފުރައްސާރައާއި ދެކޮޅުވެރިކަމެވެ. އީސާގެފާނު ރަސޫލުކަމައިގެން ފޮނުއްވެވުމުން ދީނަށް ގޮވައިލެއްވުމުގެ މަސަައްކަތްޕުޅުކުރެއްވުމުން އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އެކަލޭގެފާނުގެ ޤައުމުގެ މީހުން މަސައްކަތްކުރިއެވެ. ބުނެވޭގޮތުގައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް މަސައްކަތްކުރި މީހުންގެ ބޭނުަމަކީ އީސާގެފާނުގެ މުޅި ރިސާލަތު ފުހެލުމުގެ އިތުރުން ރަސޫލުންނާއި ނަބިއްޔުން ގަތުލުކޮށްލާ އެބޭކަލުންގެ ރިސާލަތަކީ އިންސާނުން ބަލައިނުގަންނާނެ އެއްޗެއްގެ ގޮތުގައި ހެދުމަށް އެމީހުން މަސައްކަތްކުރިއެވެ.
ޢިސާގެފާނު ސޮލީބަށް އަރުވާ މަރާލުމަށް ހުރިހާ ރޭވުންތަކެއް އެމީހުން ރޭވިއެވެ. މިއަދާ ހަމައަށްވެސް ނަސާރާއިން ގަބޫލުކުރަނީ އީސާގެފާނު ސޮލީބަށް އެރުވި އަވަހާރަވެގެންދިޔައީކަމަށެވެ. އަދި ހަމައެހެންމެ ނަސާރާއިން ޤަބޫލުކުރާގޮތުގައި ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފާފަވެރިއެއްގެ ގޮތުގައި ކަަމަށެވެ. އަދި އީސާގެފާނު ސޮލީބަށް އެރުވުމުގެ ސަބަބުން އެކަލޭގެފާނު އަވަހާރަވުމުގެ ކުރީން އެފާފަތަކުން ޠާޙިރުކުރެއްވުނުކަމަށްވެސް ނަސާރާއިން ގަބޫލުކުރެއެވެ. މިއީ ނަސާރާއިންގެ ޢަޤީދާއެވެ.
އަހަރެމެން މުސްލިމުން ގަބޫލުކުރާ އަގީދާއަކީ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފު ތާހިރުކަންމަތީގައި ކަަމަށެވެ. އަދި އެމީހަކު ބާލިގުވެ މުކައްލަފެއްގެ ގޮތުގައި ވުމުގެ އުމުރުފުރައަށް ނޭޅި ވަނިކޮށް އެމީހަކު މަރުވެއްޖެނަމަ އެއީ ކޮންމެ ދީނެއްގެ މަންމައަކާއި ބައްޕައަކަށް އުފަންވެގެންވާ މީހަކަށްވިޔަސް މާތްالله އެމީހަކު ސުވަރުގެ ވައްދަވާނެކަން އަހަރެމެންގެ އިސްލަަާމްދީންގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. މިއީ އަހަރެމެން އިސްލާމުންގެ އަގީދާއެވެ.
ނަސާރާއިން ބުނަމުންދަނީ އީސާގެފާނު ސޮލީބަށް އެރުވުނީ އަހަރެމެންގެ ހައްގުގައި ކަމަށެވެ. އެއީ ފާފަވެރިއެއްގެ ގޮތުގައި އުފަންވެފައިވާތީ ފާފަތަކުން ތާހިރުކުރެއްވުމަށް ކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކީރިތި ޤުރުޢާނުގައި މާތްالله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“އެއްވެސް އިންސާނަކު އަނެއް އިންސާނާ ކުރާ ފާފައެއްގެ ޒިންމާއެއް ނުއުފުލާނެއެވެ.“
ކޮންމެ މީހަކާއިވެސް އާޙިރަތްދުވަހުން އެމީހެއްގެ އަމަލުތަކާއި ގުޅޭގޮތުން ސުވާލުކުރެވޭނެއެވެ. އެއްވެސް ބައްޕައަކު ދަރިއެއްގެ އަމަލަކާއި ޒިންމާވާކަން ނުޖެހޭނެއެވެ. ދަރިއަކު އޭނާގެ ބައްޕަގެ އަމަލަކާއި ހަވާލުވާކަން ނުޖެހޭނެއެވެ. އެހެންކަމުންް އުއްމަތުގެ މީހުންގެ ފާފަފުއްސެވުމަށްޓަކައި އެއްވެސް ފަރާތަކު ސޮލީބަކަށް އަރުވާކަށްނުޖެހޭނެއެވެ.
ހަގީގަތަކީ އީސާގެފާނު ސޮލީބަކަށް ނުވެސް އެރުވެއެވެ. އަދި އަވަހާރައެއްވެސް ނުވެއެވެ. އީސާގެފާނު ވަނީ މާތްالله ގެ ޙަޞްރަތަށް ވަނީ އުފުލިފައެވެ. އަދި ފަހު ޒަމާނުގައި ކީރިތި ޤުރުޢާނުގައިވާ މާތްالله ގެ ބަސްފުޅުގެ ތެދުކަން ހާމަކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވެވޭނެއެވެ. އެހެންނަމަވެސް ރަސޫލެއް ނުވަތަ ނަބިއްޔެއްގެ ގޮތުގައެއް ނޫނެވެ. މާތްالله ގެ ދީނަށް ނަސްރުދޭނެ އެންމެ ފަހުގެ ނަބިއްޔާގެ ރިސާލަތަށްއުޅުމަށް މީސްތަކުންނަށް ނަސޭހަތްދޭ ފަރާތެއްގެ ގޮތުގައެވެ.