ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވުމަށް މެދުވެރިވަނީ އަންހެނަކާއި ފިރިހެނެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އީސާގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ އަޖައިބުވެ އަންތަރީސްވާފަދަ ގޮތަކަށެވެ. އީސާގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ ބައްޕައަކާއި ނުަލައި، އިއްފަތްތެރި، ޢަބުރުވެރި އަދި ކަރާމާތްތެރި އަންހެންކަނބަލެއް ކަމުގައިވާ މަރްޔަމްގެފާނުގެ ބަނޑުފުޅުންނެވެ.
އަންހެނަކު އެއްވެސް ފިރިހެނަކާ ގުޅުމެއްނެތި، ބައްދަލުނުވެ ދަރިޔަކު އުފަންވެގެންދިޔުމަކީ އީސާގެފާނު ޤަޢުމުގެ މީހުންނަށް ޤަބޫލުކުރެވުނު އަދި ބަލައިގަނެވުނު ކަމެއްނޫނެވެ. އަދި އީސާގެފާނަށް ނިސްބަތްކޮށް އެއީ މާތްالله ގެ ދަރިކަލެއްކަމަށް ބުނަމުންގެންދިޔައެވެ. މިއީ އެއްވެސް އިންސާނަކަށް މާތްالله އަށް ނިސްބަތްކުރެވޭނެ ގޮތެއް ނޫނެވެ.
މިއީ ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް ބަޔާންކުރައްވާ މާތްالله ކީރިތި ޤުރުޢާނުގައި އިޚްލާޞް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
“އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭއެވެ.“
އަދި ހަމައެހެންމެ އިޚްލާޞް ސޫރަތުގައި ބަޔާންކޮށްފައިވާ ޢަޤީދާގެ ޢަޞާޞްްތަކުންވެސް އެނގި ހާމަވެގެންދާ އިތުރު ކަންތަކަކީ މާތްالله އަކީ އެއްކައުވަންތަ ރަސްކަލާނގެ އިތުރުން އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވާކަމެވެ. އަދި މާތްالله އީ އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެކަމެވެ.
މަރްޔަމްގެފާނު އުފަންވެވަޑައިގަތުމާއެކު އެކަމަނާގެ މައިންބަފައިންވަނީ ނަދުރެއް ވިދާޅުވެފައެވެ. އެޒަމާނުގެ މީހުން އަޅުކަންކުރާތަނުގައި މާތްالله އަށް ހިދުމަތްކުރެއްވުމަށް ހާދިމާއެއްގެ ގޮތުގައި އޭކަމަނާގެ މުޅި ޢުމުރު ހޭދަކުރެއްވެވުމަށެވެ. އަދި އެގޮތުން އެކަމަނާ ބޮޑުފުޅުވުމުން ޒަކަރިއްޔާގެފާނަށް މިމަސައްކަތް ކުރެއްވުމަށް ހަވާލުކުރެއްވުމުން އެކަމަނާގެ ދުވަސްތައް ހޭދަވެގެން ދިޔައީ މާތްالله އަށް ޙިދުމަތްކުރެެއްވުމަށް އެތަނުގައި ކަމުން އެކަމަނާއަކީ އެފަދަ ތުޙުމަތުތަކުން ބަރީޢަވެގެންވާ ޠާޙިރު ކަނބަލެއްކަން އެނގި ހާމަވެގެންދެއެވެ. މިހެންކަމުން އެކަމަނާއަކީ މިފަދަ އެއްވެސް ވިޔާނުދާކަމެއް ކުރައްވާނެ ފަރާތެއްނޫންކަންް ޔަޤީންްކުރެވެއެވެ. އެހެންނަމަވެސް ނަޞާރާއިން އަދިވެސް ބުނަމުންގެންދަނީ އީސާގެފާނަކީ މާތްالله ގެ ދަރިކަލެއްކަމަށެވެ.
ރައްކައުވެވަޑައިގަންނަވަން ވަރަށް ގާތްވެފައި ވަނިކޮށް މަރްޔަމްގެފާނު ބައިތުލަޙްމަށް ވަޑައިގެންނެވި މަގުމަތީގައި ސަހަރާއެއްގައި އެކަމަނާ މަޑުކޮށްލެއްވިއެވެ. އެމަޑުކޮށްލެއްވުމުގެ ތެރޭގައި އީސާގެފާނާއިގެން މާތްالله މަދަދާއި ރަޙްމަތްފުޅާއިއެކު އެއްވެސް އިންސާނެއްގެ އެހީތެރިކަމާނުލައި، ވިހެއުމުގެ ވޭންވަރުގެ މާބޮޑު ތަކްލީފަކާ ނުަލައި ހުރިހާ ކަމެއް ފަހިވެގެން، އީސާގެފާނާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.
މަރްޔަމްގެފާނަށް މީހުންގެ ކިބައިން ކުރިމަތިވާ ފުރައްސާރައާއި މަލާމާތަށް ރައްދުނުދެއްވުމަށް މާތްالله މަރްޔަމްގެފާނަށް އެންގެވިއެވެ. އަދި އެކަމަނާގެ ޠާޙިރުކަމުގެ ވާހަކަ މީސްތަކުންނަށް ބުނެދެއްވާ ސުވާލުތަކަށް ޖަވާބުދެއްވާނީ އެކަމަނާއަށް ލިބޭ ދަރިކަލުންކަމަށް މަރްޔަމްގެފާނަށް އެންގެވިއެވެ.
ބައިތުލަޙްމަށް ތުއްޕުޅު ދަރިފުޅުންނާއެކު ވަޑައިގަތުމުން މީސްތަކުން އެކަމަނާއަށް ވަރަށް ހުތުރު ބަސްތައް ނިސްބަތްކުރައްވާ އެކަމަނާގެ ބޮލުގައި ޒިނޭގެ ތުޙުމަތު އަޅުވަންފެއްޓެވިއެވެ. އެހިނދު މާތްاللهގެ ކުޅަދުންވަންތަކަމާއެކު، އީސާގެފާނު ކިރުތުނބުން ވީއްލުމުގެ މާކުރިން، އާއްމު އިންސާނަކުގެ ދަރިޔަކު ވާހަކަ ނުދައްކާނޭ އުމުރެއްގައި، މާތްالله އެކަލޭގެފާނަށް ދެއްވި ކުޅަދުންވަންތަކަމުގައި ޖަވާބު ދެއްވަވާ ވިދާޅުވިއެވެ.
“މިއަޅާއަކީ اللهގެ އަޅެކެވެ. ދަރިކަލެއް ނޫނެވެ. މިއަޅާއަށް ފޮތެއް ދެއްވެވިއެވެ. އަދި މިއަޅާއަކީ ނަބިއްޔެއްގެ ގޮތުގައި ލެއްވެވިއެވެ. އަދި ތިމަންކަލޭގެފާނު ވީ ކޮންމެ ތަނެއްގައި ބަރަކާތްތެރިކަން ލައްވަވާނެއެވެ.
އަދި މިއަޅާ ދުނިޔޭގައި ހުރިހާ ދުވަހެއްގައި ނަމާދުކުރުމަށާއި ޒަކާތްދިނުމަށް ވަޞިއްޔަތްކުރެއްވެވިއެވެ.“
އީސާގެފާނަކީ މާތްالله ދަރިކަލެއް ނޫނެވެ. މާތްالله ޞުބުޙާނަޙޫ ވަތަޢާލާ އާދަމްގެފާނު އުފެއްދެވުމަށް އެއްވެސް އަންހެނެއް ނުވަތަ ފިރިހެނެއް މެދުވެރިއެއް ނުކުރައްވައެވެ. މާތްالله އެކަމެއް ވާށޭ ވަޙީކުރެއްވުމުން އެކަމެއް ވެގެންދެއެވެ. އެހެންކަމުން އެއްވެސް ފިރިހެނަކާއި ނުލައި ޢަބުރުވެރި، ޢިއްފަތްތެރި އަންހެން ކަނބަލަކު މާބަނޑުވުމަކީ މާތްالله ގެ ޒާތުފުޅަށްް ނުހަނު ފަސޭހަފުޅު ކަމެކެވެ.