ކޮވިޑް ފެތުރިފައިވާ ފަސް ރަށެއްގައި ކާފިއު ހިންގާ ހަރުކަށި ފިޔަވަޅު އަޅަނީ

ބ. އޭދަފުށި -- ފޮޓޯ/ އޭދަފުށި ޓައިމްސް (އީޓީ)

މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން، ކޮވިޑް ފެތުރިފައިވާ ޅ. ނައިފަރު، ކ. މާފުށި، އއ. މަތިވެރި، އއ. އުކުޅަސް އަދި ބ. އޭދަފުށީގައި ކާފިއު ހިންގައި، ހާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނީ އެ ފަސް ރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

އެ ފަސް ރަށުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އަންގާފައިވާއިރު، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ނުހިމެނޭނެ އެވެ.

ހަމައެއާއެކު އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން މަނާކޮށް، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

ފިރާތަކުން ހިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތައް ހުއްޓާލަން ވަނީ އަންގައިފަ އެވެ.

މި ފަސް ރަށަކީ މިވަގުތު އަތޮޅުތެރެއިން ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ރަށްތަކެވެ. އެ ފަސް ރަށުން ވެސް ކޮންމެ ދުވަހަކު ކޮވިޑް19 އަށް ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވްވަމުންނެވެ. ނައިފަރުން މިއަދު ދެ މީހަކު ބަލީގައި މަރުވެފައިވެ އެވެ.

ރާއްޖެއިން މިއަދު މިއަދު 703 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 167 މީހުން ހިމެނެ އެވެ.

ކޮވިޑް ކޭސްތައް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މިރެއިން ފެށީގެން، ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް