ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން އެމްޑީއޭ އިން ގޮވާލައިފި

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުރައްކާތެރި ހަމަލާތައް ދިނުމަށް މެދުވެރިވާ ސަބަބަުތައް ރަނގަޅަށް ބަލައި، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަަންސް (އެމްޑީއޭ) އިން ގޮވާލައިފި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު މިރޭ 'ސަން' އަށް ވިދާޅުވީ. މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅަށް އަމާޒުވާ ގޮތަށް ދިން ހަމަލާ، އެ ޕާޓީ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އަދި އެމަިކުފާނަށް އަވަސް ޝިފާއެއް މިންވަރު ކުރުމަށް އެދި ދުއާކުރަން، މި ދަނޑިވަޅުގައި އަޅުގަނޑުމެން ދަންނަވާލަން އޮތީ، މިބާވަތުގެ ފިނޑި އަމަލީ ރާއްޖޭގައި އެއްގޮތަކަށް ވެސް ހިނަގއިގެން ވާނެ އަމަލެއް ނޫނޭ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވަނީ މީގެކުރިން ވެސް ރާއްޖޭގައި މިބާވަތުގެ ހަމަލާތައް ދީފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި ހާދިސާ އާއި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅުގައި ދިން ހަމަލާ ފާހަގަކުރައްވައިފަ އެވެ.

"މިބާވަތުގެ ކަންކަން ހިނގުމަށް މެދުވެރިވާ ސަބަބުތައް އަޅުގަނޑުމެން ތަންކޮޅެއް ރަނގަޅަށް ބަލައި، ދެނެގަނެ، ސަލާމަތީ ކަންކަން ވަރުގަދަ ކުރެވެން ޖެހޭ ކަމަށް މި ޕާޓީން ދެކެނީ. މި ކަމަކީ ހަމަ ގައިމުވެސް ވަރަށް ސީރިއަސް ނަޒަރަކުން ތަހުގީގުކޮށް ބަލާ، އޭގެ އަސްލަށް ވާސިލުވާން ޖެހޭނެ ކަމެއް ކަމަށް ދެކެނީ. މި އަމަލު ވަރަށް ހަރުކަށި އިބާރަތުން ކުށްވެރި ކުރަން،" އާމިރު ވިދާޅުވި އެވެ.

އާމިރު ވަނީ މިރޭގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

މިރޭގެ ހަމަލާ ކުށްވެރިކޮށް އެ ޕާޓީ އިން ނެރުނު ބަޔާނުގައި ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ އިރާކޮޅު ދިން ރަހުމުކުޑަ، ޓެރަރިސްޓު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިރޭގެ ހާދިސާގައި ރައީސް ނަޝީދަށް އެކިވަރުގެ އަނިޔާވެ، އެމަނިކުފާނަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން ބުނީ އެމަނިކުފާނުގެ ހާލު ސްޓޭބަލް ކަމަށެވެ.

މިރޭގެ ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އެވަގުތު މަގުމަތީ ހުރި ފަތުރުވެރިއަކަށްވެސް ވަނީ އަނިޔާވެފައެވެ. އެހުރިހާ ފަރާތްތަކަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

މިރޭ މާލޭގައި ހިނގި ހާދިސާ ކުށްވެރިކޮށް ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ސްޓޭޓުމެންޓު ނެރެފައެވެ. އޭގެ ތެރޭ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ޑިޕްލޮމަޓުންވެސް ހިމެނެއެވެ.

comment ކޮމެންޓް