ދީނުން ފިލާވަޅެއް: މޫސާގެފާނާއި ފިރުޢައުނުގެ ޖާދޫގަރުން

މާތްالله މޫސާގެފާނު ރަސޫލުކަމައިގެން ފޮނުއްވީ މިސްރުގައި އޭރު ކަލެއްކަމަށް ދަޢުވާކޮށް ރަސްކަންކުރަމުންދިޔަ ޖައްބާރު ފިރުޢައުނުގެ ގާތަށެވެ.

ކޮންމެ ރަސޫލުބޭކަލަކަށްވެސް މުޢުޖިޒާތް ދެއްވަނީ އެރަސޫލުބޭކަލަކު ރަސޫލުކަމައިގެން ފޮނުއްވޭ ބަޔަކު ކުރިއަރާފައިވާ ކަމަކާ ގުޅޭ ގޮތަކުންނެވެ. މިގޮތުން މޫސާގެފާނަށް މުޢުޖިޒާތް ދެއްކެވީ ސިހުރުވެރިކަމާއި ޖާދުލާއި ގުޅޭގޮތުންނެވެ.

މޫސާގެފާނު ހައްދަވަނީ އިތުރުފުޅުކަމާއި އެކަލޭގެފާނުގެ ރިސާލަތަކީ ދޮގެއްކަމަށް ޖާދޫހަދައިގެން ސާބިތުކޮށްދިނުމަށް ފިރުޢައުނު އޭނާގެ ދަރުބާރުގައި ތިބި ޖާދޫގަރުންނަށް އަންގައެވެ. އަދި އެކަންތައް އެމީހުން ކާމިޔާބުކޮށްފިނަމަ ފިރުޢައުނުގެ އެންމެ އަރިސްމީހުންގެ ގޮތުގައި އެމީހުން ހިމެނިގެންދާނެކަމާއި އަދި އަގުބޮޑެތި އިނާމުތައް ލިބޭނެކަމަށް ވަޢުދުވިއެވެ. މިގޮތުން އެމީހުންގެ އަތުގައިހުރި އަސާތައް މީސްތަކުން އަދި ފިރުޢައުނުގެ ދަރުބާރުގައި ތިބި އެންމެންގެ ލޯމައްޗަށް ކުދި ހަރުފަތަކެއްގެ ގޮތުގައި ދައްކާލިއެވެ.

އެހެންނަމަވެސް، އަރަހުށި މާތްالله މޫސާގެފާނަށް ދެއްވެވި މުޢުޖިޒާތަކީ އެކަލޭގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވެ އެހެން ޖާދޫގަރުންގެ ސިހުރުތައް އެންމެން ކުރިމަތީގައި ކާލުމަށްފަހު އެއީ މީސްތަކުންގެ ލޯ މައްޗަށް އޮޅުވާލި އޮޅުވާލުމެއްކަމާއި އަދި ބާޠިލް އެއްޗެއްކަން ސާބިތުކޮށްދިން ދިނުމެވެ. ޖާދޫގަރުންނަށް އެމީހުން އެހެދި ޖާދޫއަކީ ބާޠިލް އެއްޗެއްކަމާއި އަދި މިއީ ޙަޤީޤަތްކަން އެނގުމުން ވަގުތުން އެމީހުން މޫސާގެފާނުގެ ރިސާލަތު ޤަބޫލުކުރެއެވެ.

ޖާދޫގަރުންނަށް ބޮޑެތި އިނާމުތަކާއި ފައިދާތައް ހުށަހެޅުމުންވެސް ޙައްޤުގޮތް އެނގުމުން ފިރުޢައުނަކީ ކަލެއްކަމަށް ޤަބޫލުކުރުމަށް އެމީހުން ދެކޮޅު ހަދައެވެ. އަދި ފިރުޢައުނަކީ ކަލެއްކަމަށް ޤަބޫލުނުކުރާނަމަ މަރާލާނެކަމަށް އިންޒާރުދެއެވެ. އެހެންނަމަވެސް ޙައްޤުގޮތް އެނގުމުން އެމީހުން އެގޮތް ދޫކޮށެއްނުލައެވެ. ނަތީޖާއެއްގެ ގޮތުން ފިރުޢައުނު އެމީހުން މަރާލުމަށްފަހު ކަދުރު ރުއްތަކަށް ޞަލީބަށް އަރުވައެވެ.

މިވާހަކައިން ލިބޭ ފިލާވަޅަކީ އަދި ޢިބްރަތަކީ އީމާންކަމާއި އިސްލާމްކަން އެންމެ ފުރިހަމަގޮތުގައި ޤަބޫލުކުރެވިއްޖެނަމަ އެމީހާއަށް ޙައްޤުގޮތް އެނގުމަށްފަހު ފަސްއެނބުރި ބެލުމެއްނެތް ކަމެވެ. އަދި ޙައްޤުގޮތް އެނގުމަށްފަހު އެންމެ ކާމިޔާބު މީހާއަކީ އެގޮތުގެ މަތީގައި ސާބިތުވެ ހުންނަ ދުނިޔަވީ ހަޔާތަށްވުރެ އުޚްރަވީ ހަޔާތަށް އިސްކަންދޭ މީހަކަށްވާންޖެހޭނެކަމެވެ.

އީމާންކަމަކީ ނުހަނު އަގުހުރި ނިޢުމަތެކެވެ. އަހަރެމެން އެންމެންނަކީވެސް މުސްލިމުންގެ ގޮތުގައި ދުނިޔެ ދޫކޮށްދާނެ ބަޔެއްކަމުގެ ހެޔޮ ތައުފީޤު ދެއްވުމަކީ އަހަރެމެން އެންމެންގެވެސް ދުޢާއެވެ.

comment ކޮމެންޓް