އެންމެ ކުޑަ އުޖޫރަ އަލުން ކަނޑައަޅައި، ޖުލައި މަސް ތެރޭ އިއުލާންކުރަނީ

ކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ / އަހްމަދު ސައީދު

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު ތަފާސްހިސާބުތަކުގެ އަލީގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު ދިން ލަފައަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 - 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނަށް މަޖިލީހުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ގެނައި އިސްލާހާއެކު، މިިނިމަމް ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ، މިއަހަރުގެ ނިޔަލަށް ތަންފީޒު ކުރަންވާނެ އެވެ.

މިނިމަމް ވޭޖް ބޯޑުގެ މަސްއޫލިއްޔަތުތައް ފުޅާކޮށް، ގާނޫނަށް ގެނައި އިސްލާއެކު އާ ބޯޑެއް މިހާރު އޮތީ އެކުލަވާލާފަ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ގާނުނުގައިވާ ގޮތަށް މިއަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ދިނުން ތަންފީޒު ކުރާނެ ކަމަށާއި އެެހެން ނަމަވެސް ކުރީ ބޯޑުން ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައިގެ އަދަދަށް ބަދަލުތަކެއް އައިސްދާނެ ކަމަށެވެ.

"ދެތިން ހަތަރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ އާ ބޯޑު އެކުލަވާލައި، އެ މަސައްކަތް ކުރަމުންދާތާ [ކުރީގެ ބޯޑު ލަފާ މުރާޖާކުރުން]. ކުރީގެ ބޯޑުންކޮށްފައިވާ ދިރާސާތަކާއި މިހާރު ކޮވިޑް ހާލަތުގައި އިންކަމް ސަޕޯޓާއި މިކަންކަމުގައި ލިބިފައި ހުރި ޑޭޓާތަކުގެ އަލީގައި އަލުން އެ ފިގާތައް ބަދަލު ކުރަމުން ދަނީ [ކުޑަ އުޖޫރައިގެ]،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު މިކުރަނީ ޖޫން ނުވަތަ ޖުލައިގައި [ކުޑަ އުޖުރަ] އިއުލާންކޮށްފައި. އަހަރު ނިމެންވާއިރަށް އެ ތަންފިޒުކުރަން،"

އޭނާ ވިދާޅުވީ، ފުރަތަމަ ލަފާ އައި އިރު، މުޅި ގައުމަށް ކުޑަ އުޖޫރައެއް ކަނޑައެޅުމަށް ވާހަކަ ދެކެވުނު ކަމަށާއި އެެހެން ނަމަވެސް ފަހުން މަޖިލީހާއި ވިޔަފަރިތަކާއެކު ކުރި މަޝްވަރާއިން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެނުނު ކަމަށެވެ.

"އެހެންވީމަ ދެން އިއުލާން ކުރާ އިރު ފަހަރެއްގައ ދެތިން މިނިމަމް ވޭޖެއް އޮވެދާނެ. އެއީ އެކި ވިޔަފަރިތަކަށް އެކި އަދަދު ނުވަތަ އެކި ސިނާއަތްތަކަށް އެކި އަދަދު، އެކަންްކަން މިދަނީ ފައިނަލައިޒް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ބަލަނީ އެންމެ އަސާސީ ލެވެލްގައި މީހުން ދިރިއުޅެވޭނެ މިިންގަނޑެއް ދިނުމަށް ކަމަށެެވެ. އަދި ކުޑަ އުޖޫރައިގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހިއްޖެ ނަމަ، ގިނަ ވަޒީފާތައް ގެއްލުމުގެ ބިރުވެސް އޮންނާނެކަން ދެނެގަނެ މިނިމަމް ވޭޖެއް ކަނޑައެޅުން މުހިންމު ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެހެން ކަމުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެކަމުގައި ރާއްޖެއިންވެސް ހަމަހަމަ ވިސްނުމެއް ގެންގުޅޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކުރިން ވޭޖް ބޯޑުން ދީފައިވާ ލަފައަށް ވުރެ ކުޑަ މިނިމަމް ވޭޖެއް ކަނޑައަޅާފާނެ ތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ، ބައެއް ވިޔަފާރިތަކަައް އެ އަދަދު ކުޑަވެސް ވެދާނެ ކަމަށެވެ. އަދި ބައެއް ވިޔަފާރިތަކަށް އެއަށްވުރެ ބޮޑުވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަވެސް ވެދާނެ، އަދި ބޮޑުވެސް ވެދާނެ. އެހެން ނަމަވެސް ފައިނަލްކޮށް ދަންނަވާކަށް ނޭނގެ، ހާލަތު ތަފާތުވެސް ވެދާނެ،" ފައްޔާޒު ވިދާޅުވި އެެވެ.

ކުޑަ ވެދާނެ ހާލަތެއްގެ މިސާލު ނަންގަވަމުން ފައްޔާޒު ވިދާޅުވީ، މިހާރު ވޭޖް ބޯޑުން ކަނޑައަޅާފައިވާ 6،400 ރުފިޔާ ރަށެއްގައި ހުންނަ ކަންމަތީ ފިހާރައެއްގެ ސޭޓަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހުމަކީ އެ ވިޔަފާރި ދެކޮޅު ޖެއްސޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ އެ ފިހާރަ ބަންދު ކުރަން ޖެހެނީ، އެތަނުގައި ވަޒީފާ އަދާ ކުރާ ފަރާތް ވަކިކޮށް ދެމަފިރިން ވެގެން އެ ފިހާރަ ހިންގަން ޖެހޭނީ،" މިސާލެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހާލަތުގައި އެއަށްވުރެ ކުޑަ މުސާރައެއް ކަނޑައެޅުމަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށެވެ. އެއީ އެ ވިޔަފާރި ދެމެހެއްޓުމަށާއި އެތަންތަނުގެ ވަޒީފާތައް ދެމެހެއްޓުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަލުން މިނިމަމް ވޭޖެއް ކަނޑައަޅާއިރު ކުދި ތަންތަނުގައި ފަހަރެއްގައި 6،400 ރުފިޔާއަށް ވުރެ ކުޑަ ވެދޭނެ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000 ރުފިޔާއަށް އަށްވުރެ ބޮޑު ވެދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ގާނޫނު ބުނާގޮތުން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖާކުރުމުގެ ބާރު މިނިސްޓަށް ލިބިގެންވެ އެެވެ. ފުރަތަމަ އަހަރު މިނިމަމް ވޭޖް ތަންފީޒު ކުރަނީ ހަމައެެކަނި ދިވެހިންނަށެވެ. އަދި ބިދޭސީންނަށް އެކަން ތަންފިޒު ވާނީ އޭގެ އަހަރެއް ފަހުންނެވެ.

comment ކޮމެންޓް