ރާއްޖެއަކީ ފަތުރުވެރިންނަށް މިހާރު މާ ރައްކާާތެރި މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރިސޯޓު މުވައްޒަފުންގެ 99 ޕަސެންޓަށް މިހާރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އަދި 25 ޕަސެންޓަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާ ކަމަށާއި ފާއިތުވި ނުވަ މަހުގެ ތެރޭގައި ރާއްޖެ އަކީ މި ހާލަތުގައި ޒިޔާރަތްކުރުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ގައި މަސައްކަތްކުރާ އެންމެންނަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމަށް "އައިއެމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕެއިނުގެ މަގުސަދަކީ ދުނިޔޭގައި ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ގާއިމު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެ ހެދުމެވެ. މި ކެމްޕެއިނުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ހާއްސަ ބެޖެއް ދޭނެ އެވެ.
އެކަން އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާ ކެމްޕެއިނުތައް ހިންގާ، ފުލީ ވެކްސިނޭޓެޑް ޓޫރިސްޓް އެސްޓެބްލިޝްމެންޓުތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީ އިން އާންމު ކުރާނެ އެވެ.
މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، މި އަހަރު ތެރޭ ޖުމްލަ 396،982 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.