ދީނުން ފިލާވަޅެއް: ދަރިއެއްގެ ގުރުބާނީ

އަހަރެމެންގެ ތެރޭގައި މިއަދު ފެންމަތިވެދައި ހުރި އިޖުތިމާއީ މައްސަލަތައް ގިނައެވެ. ތުއްތު ކުދިންނުން ފެށިގެން އުމުރުން ހަގު ޒުވާނުން މަގުމައްޗަށް ގިނަވެ ކުށުގެ ވެށިން ފެންނަލެއް މިދަނީ ގިނަވެ އިތުރުވަމުންނެވެ. އެއާއެކު، ބިކަވެ ރޫޅެމުންދާ އާއިލާތައްވެސް އެހާމެ ގިނައެވެ. މިހުރިހާ މައްސަލަތަކެއްގެވެސް އެއް ފެށުމަކީ ދަރިންނާއި މައިންބަފައިންނާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބަލިކަށިވުމެވެ.

ޑރ. އިބްރާހިމް ޒަކަރިއްޔާ މިއަދު ކިޔައިދެއްވަނީ އިސްލާމީ ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭފަދަ ދަރިއެއްގެ ގުރުބާނީ އަކަށެވެ.

އިބްރާހިމްގެފާނާއި އިސްމާއިލްގެފާނާއި ދެމެދުގައިވީ މި މަތިވެރި ގުޅުމުގެ ބިންގަލަކީ އީމާންތެރިކަމެވެ. އިބްރާހިމްގެފާނުގެ އުމުރުފުޅުން 86 އަހަރުފުޅުގައި، ދަރިކަލަކަށް އެންމެ ބޭނުންފުޅުވެފައި ހުރި ވަގުތެއްގައި މާތް ﷲ އިބްރާހިމްގެފާނަށް އިސްމާއިލްގެފާނު ދެއްވެވިއެވެ.

މާތްﷲގެ މި ނިއުމަތް އިބްރާހިމްގެފާނު ބަލައިގަތީ ނިކަން ޝުކުރުވެރި ކަމާއިއެކުގައެވެ.

އިބްރާހިމްގެފާނަށް މާތް ﷲ ކުރިމަތިކުރެއްވީ ވަރުގަދަ އިމްތިހާނެއް!

އެހާ ދޮށީ އުމުރުފުޅެއްގައި ލިބިވަޑައިގަތް ލޮލުގެ ކޮއެފަދަ ތުއްޕުޅު ދަރިކަލުންނާއި އެކު މާތްﷲ އިބްރާހިމްގެފާނަށް ވަރުގަދަ އިމްތިހާނެއް ކުރިމަތިކުރެއްވިއެވެ. އިބްރާހިމްގެފާނަށް ﷲ އަމުރުކުރެއްވީ، އިސްމާއިލްގެފާނު އެކަލާންގެއަށްޓަކައި ގުރުބާންކުރެއްވުމަށެވެ. ބައްޕައެއްގެ ހިތުގައި އެވަގުތު ހިނގާނޭ އިހުސާސްތައް ނިކަން ވަޒަންކޮށްލާށެވެ.

އެހެންނަމަވެސް މާތްﷲގެ އެ އަމުރުފުޅަށް އެއްވެސް އިތުރު އުޒުރެއް ނުދައްކަވާ އިބްރާހިމްގެފާނު ތަބާވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިސްމާއިލްގެފާނަށް ﷲގެ އެ އަމުރުފުޅުގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. އަދި އެކަމުގައި އިސްމާއިލްގެފާނުގެ ބަސްފުޅަކީ ކޮބައިތީ އެއްސެވިއެވެ. އަދި ތުއްޕުޅު އިސްމާއިލްގެފާނުވެސް އެކަމަކަށް އެއްވެސް ވަރަކަށް އިންކާރެއް ނުކުރެއްވިއެވެ. އިސްމާއިލްގެފާނު ދެއްކެވީ ކެތްތެރިކަމާއި ކިޔަމަންތެރިކަމުގެ ނަމޫނާއެކެވެ.

ކިތަންމެ ދަތި އަދި އަމިއްލަ ފުރާނަފުޅާއި ގުޅުންހުރި ކަމެއްކަމުގައިވީނަމަވެސް ބައްޕާފުޅުގެ ކުރިމަތީގައި ބޮޑާހާކައި، ދެބަސްވެ އަރާރުންވުމެއް ނެތެވެ. ނުރުހުންވުމެއް ރުޅިވެރިކަމެއް އެއްވެސް ވަރަކަށް އިސް ނުކުރައްވަވަ އެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ދަރިންނާއި މައިންބަފައިންނާއި ދެމެދުގައި އޮންނަންވީ ގުޅުމަކީ މިއީއެވެ. އީމާންތެރިކަމުގެ މައްޗަށް ބިނާވެ ދައްކަންވީ ކިޔަމަންތެރިކަމާއި ލޯތްބާއި އިޚްތިރާމެވެ. އަދި މައިންބަފައިންވެސް މަސައްކަތްކުރަނީ އެމީހުންގެ ދަރިންނަކީ ސޯލިހް ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތުވެ މުޖްތަމައަށް ނުކުންނާނެ ބަޔަކަށް ހެދުމަށެވެ.

"މާދަމާވެސް މި ދުނިޔެ ދޫކޮށް ލޯ މަރާލާ ހިނދުގައި އަހަރެމެންގެ އެންމެ ވަރުގަދަ އެސެޓަކަށް ވާނީ ނޫނީ އަހަރެމެންގެ އެކައުންޓްގައި ހުރި އެންމެ ވަރުގަދަ ބެލެންސަކަށް ވާނީ މި ދުނިޔެއަށް އަހަރެމެން ދޫކުރާ، އަހަރެމެންގެ މައްޗަށް ހެޔޮ ދުއާ ކޮށްދޭނޭ ހެޔޮލަފާ ސާލިހް ދަރިން،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން ތިމާއާއި ތިމާގެ ދަރިންގެ ދެމެދުގައި މިފަދަ މާތް ހެޔޮ ގުޅުމެއް ބޭއްވޭތޯ މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

comment ކޮމެންޓް