ޕޭޕަރުތައް ލީކުވަމުން ދާތީ ރާއްޖޭގައި އޭލެވެލް އިމްތިހާން ކެންސަލްކޮށްފި

ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިހާރު ކުރިއަށް ދާ އޭލެވެލް އެޑެކްސެލް އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

ޕޭޕަރުތައް ލީކުވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑކިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިހާތަނަށް ތިން ޕޭޕަރެއް ލީކުވެފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ލީކުވެފައި ވަނީ ފިޒިކްސް، ބަޔޮލޮޖީ އަދި ކެމިސްޓްރީ ޕޭޕަރެވެ. ޕޭޕަރުތައް ލީކުވީ ބައެއް ގައުމުތަކުގައި އިމްތިހާނު ހަދާ ވަގުތާއި ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރުމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ޕޭޕަރެއް ލީކުވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، އެކަން ސަމާލުކަމަށް އައުމާއެކު އެޑެކްސެލް އާއެކު ބަައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ލީކުވެގެން އުޅެނީ އަސްލު އިމްތިހާނު ކަރުދާސްތޯ ކަށަވަރު ކުރަން ބޭނުން ކަމަށާއި އަދި އެކަން ބެލުމަށްފަހު މިނިސްޓްރީއަށް ވަކި ގޮތެއް އަންގާނެ ކަމަށް އެޑެކްސެލް އިން ބުނި ކަމަށެވެ.

ދެ ޕޭޕަރު ލީކުވި ނަމަވެސް، އިތުރަށް ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން އިއްޔެ އެޑެކްސެލް އިން ދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިއަދު މެންދުރު ފަހު ހަދަން ތާވަލުކޮށްފައި އޮތް ކެމިސްޓްރީ ޕޭޕަރު މިއަދު ހެނދުު ވަނީ ލީކުވެފަ އެވެ.

"މިހާރު ކުރިއަށްދާ ޝެޑިއުލްޑް އެގްޒާމް ދެން ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ދަރިވަރުންނަށް ދެ ފުރުސަތެއް އެޑިއުކޭޝަނުން ވަނީ ހުށަހަޅައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންނާ ވެސް ބައްދަލުވެފައިވާ ކަމަށާއި، ބައެއް ކުދިން އޭޕްރީލް/މޭ ގައި އިމްތިހާނު ހަދައި އޭލެވެލްގެ ކިޔެވުން އެއްކޮށް ނިންމާލަން ބޭނުންވާ ކަމަށެވެ. ނަމަވެސް ބައެއް ކުދިން، އޮކްޓޫބަރު/ނޮވެމްބަރުގައި، އެކުދިންގެ ފަސްޓް ސިޓިންގެ ގޮތުގައި އިމްތިހާނު ހެދޭގޮތަށް އިމްތިހާނު ފަސްކުރަން ބޭނުންވާ ކަމަށެވެ.

"މި ދެ ގޮތަށް ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިގެން މި އެޑެކްސެލް އިން އަޅުގަނޑުމެންނަށް ދެ ޗޮއިސް އެއް ދީފަ މި ވަނީ. އެއް ޗޮއިސް އަކީ، މިހާރު އެގްޒާމް ހަދަމުންދާ ކުދިން، މިހާރުގެ ސީރީޒުން ވިތުޑްރޯ ކޮށްފަ، އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ސީރީޒް އަށް ބަދަލުވުން. އެހެންވީމަ އެގޮތަށް ބޭނުންވާ ކުދިންނަށް އަޅުގަނޑުމެން އެ ފުރުސަތު މި ހުޅުވާލީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އިމްތިހާނު ހަދާ ދަރިވަރުން އޭލެވެލް އަށް ކިޔަވަމުންތާދާ ތިން އަހަރު ވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ގިނަ ކުދިންތަކެއް މިހާރު އިމްތިހާން ހަދައި، ކިޔެވުން އެއްކޮށް ނިންމާލަން ބޭނުންވެފައި ތިބި ކަމަށެވެ. ނަމަވެސް ޕޭޕަރުތައް ލީކުވުމާ ގުޅިގެން، މިހާރު ކުރިއަށްދާ އިމްތިހާނުގެ ސައްހަކަން މުޅިން ގެއްލިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތަށް ބޭނުންވާ ކުދިންނަށް އެޑިއުކޭޝަނުން ހުށަހަޅާ ފުރުސަތަކީ، "ޓީޗާ ބޭސްޑް އެސެސްމަންޓަކަށް" ދިއުމެވެ.

ޓީޗާ ބޭސްޑް އެސެސްމަންޓަކީ ކޮބާ؟

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވަނީ އެ އެސެސްމަންޓު ކުރިއަށްދާނެ ގޮތް ތަފްސީލުކޮށްދެއްވައިފަ އެވެ.

އިހްސާން ވިދާޅުވީ، އެ އެސެސްމަންޓްގައި ވެސް އެޑެކްސެލް އިން "ކިޓް އޮފް އެވިޑެންސް" އެއް ގެންގުޅޭ ކަމަށެވެ. ޓީޗާ ބޭސްޑް އެސެސްމަންޓް ކަރުދާސްތައް ތައްޔާރުކުރާނީ ސްކޫލުތަކުންނެވެ. ސުވާލު ކަރުދާސް ތައްޔާރުކޮށް، އެސެސްމަންޓް ކުރިއަށް ގެންދާނީ މިހާރު ވެސް އިމްތިހާނު ކުރިއަށްދާ އުސޫލުންނެވެ.

އިހުސާން ވިދާޅުވީ ޓީޗަރުން އެސެސްމަންޓަށް ދޭ މާކްސްގެ އިތުރުން، މޮކް އިމްތިހާނުގައި ދަރިވަރުން ހޯދި ނަތީޖާ އާއި، ޓީޗަރުން ތައްޔާރުކޮށްފައިވާ ފޯކާސްޓް ގްރޭޑްތައް ވެސް އެޑިއުކޭޝަނާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އެ މާކްސްތައް "އެވިޑެންސް"ގެ ގޮތުގައި އެޑެކްސެލް އާ ހިއްސާކުރާނެ އެވެ. އެޑެކްސެލް އިން ދަރިވަރުންނަށް މާކްސް ދޭނީ އެ ގްރޭޑުތަކަށް ބެލުމަށްފަހު އެވެ.

އިހްސާން ވިދާޅުވީ ޓީޗާ ބޭސްޑް އެސެސްމަންޓް އިން ވެސް އެޑެކްސެލްގެ ސެޓްފިކެޓް ކުދިންނަށް ލިބޭނެ ކަމަށެވެ.

"ހަމަ އެޑެކްސެލްގެ ސެޓްފިކެޓް އެކުދިންނަށް ލިބިގެންދާނެ. މިހާރު އޭޕްރީލް/މޭ ގަ އޭލެވެލް ނިންމަން ބޭނުންވާ ކުދިންނަށް އަޅުގަނޑުމެން މި ދެނީ ޓީޗާ ބޭސްޑް އެސެސްމަންޓް މޮޑެލް އެއް. ދެން މިހާރު ކުރިއަށްދާ އިމްތިހާންތައް މާދަމާ އިން ފެށިގެން ކުރިއަކަށް ނުދާނެ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ސްކޫލުތަކުގައި މޮކް އިމްތިހާން އާއި ޓާމު ޓެސްޓުތަކުގެ ސުވާލު ކަރުދާސް ތައްޔާރުކުރަނީ ސްކޫލުތަކުގެ ޓީޗަރުން ކަމަށާއި، އެހެންކަމުން އެޑެކްސެލްގެ ގައިޑްލައިންއާ އެއްގޮތަށް އެފަދަ ޕޭޕަރެއް ތައްޔާރުކުރެވޭނެ ވަރުގެ ގާބިލް ޓީޗަރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ތިބި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އެސެސްމަންޓް ތައްޔާރުކުރުމާއި މާކު ކުރުމުގައި އެޑެކްސެލްގެ އެހީތެރިކަން ވެސް ލިބިގެންދާނެ ކަމަށެވެ.

އެސެސްމަންޓް އޮންނާނީ ކޮން އިރަކު؟

އިހުސާން ވިދާޅުވީ މި މަހުގެ ތެރޭގައި ޓީޗާ ބޭސްޑް އެސެސްމަންޓް ފަށާނެ ކަމަށެވެ. އިހުސާން ވިދާޅުވީ ޖޫން މަހުގެ މެދަކާ ހަމައަށް ދާންވާއިރަށް، އެސެސްމަންޓުގެ ނަތީޖާތައް އެޑެކްސެލް އަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި މަހުގެ ތެރޭގައި އެސެސްމަންޓް ފަށައި އެހާއިރަށް އެސެސްމަންޓް ނިންމާލާނެ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ، މިހާރު ހަދާ އެޑެކްސެލް އިމްތިހާނާއި، ޓީޗާ ބޭސްޑް އެސެސްމަންޓުގެ ފެންވަރުގައި ފަރަގެއް ނޫޅޭނެ ކަމަށާއި، މާކު ކުރުމުގައި ވެސް ބަލާނީ ދާދި އެއް މިންގަނޑަކަށް ކަމަށެވެ.

އެސެސްމަންޓު ހަދާ ކުދިންނަށް ސްކޮލާޝިޕް ފުރުސަތެއް ނެތް!

މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އެކުދިންނަށް ލިބޭ ސެޓްފިކެޓް އިން ވެސް ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ވަނުމަށް ދައްޗެއް ދިމާނުވާނެ ކަމަށެވެ.

"އެހެން ކުދިންނަށް ލިބޭ ހުރިހާ ހައްގެއް ހަމަ އެކުދިންނަށް ވެސް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިވާސިޓީ ކޮލެޖުތަކަށް ނުވަތަ ވަޒީފާއަށް ވަނުމުގައި އެކުދިންނަށް އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ޓީޗާ ބޭސްޑް އެސެސްމަންޓް ހަދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕާއި އޭލެވެލް ނިންމައިގެން ލިބޭ އެހެނިހެން ސްކޮލާޝިޕްތަކުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ދެ ފުރުސަތެއް ދިން ނަމަވެސް މިނިސްޓްރީން ބާރުއަޅަނީ ހުރިހާ ކުދިން ވެސް އޮކްޓޫބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމަށް ކަމަށެވެ. ނަމަވެސް ހާލަތު ހުރި ގޮތުން މިހާރު އޭލެވެލް ނިންމަން މަޖުބޫރު ކުދިން ވެސް ތިބިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކުދިންނަށް އެކަނި އަޅުގަނޑުމެން ޓިޗާ ބޭސްޑް އެސެސްމަންޓް މި ހުޅުވާލަނީ ވެސް. އެގޮތަށް ހަދާ ކުދިންނަށް ސްކޯލާޝިޕްތަކަށް ކޮންސިޑާއެއް ނުކުރެވޭނެ. އަޅުގަނޑުމެން ބަލާނީ، ދެން އެޑެކްސެލްގެ އޮކްޓޫބާރު/ނޮވެމްބަރު އެގްޒާމް ހަދާ ކުދިން އެކަނި ދެން އަޅުގަނޑުމެން ކޮންސިޑާ ކުރާނީ ސްކޮލާޝިޕްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮކްޓޫބަރު/ނޮވެމްބަރު ގައި އިމްތިހާން ހަދަން ބޭނުންވާ ކުދިންނަށް އިމްތިހާނު ހަދާ ސެންޓަރު ބަދަލުކުރަން ޖެހިއްޖެނަމަ، އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ރާއްޖޭގައި ކުރާ އެއްވެސް ކަމެއްގައި ދަރިވަރަކަށް ގެއްލުން ވާނެ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

އޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިމްތިހާނުގައި ބައިވެރިވެވޭނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް