ދީނުން ފިލާވަޅެއް: ސުލައިމާނުގެފާނާއި ބަލްގީސްގެ ވާހަކަ

ސުލައިމާނުގެފާނަށް ނަބީކަމުގެ އިތުރަށް ވަރަށް ވަރުގަދަ ރަސްކަމެއްވެސް ﷲ ދެއްވިއެވެ. ސުލައިމާނުގެފާނުގެ ރަސްކަމަށް ނިސްބަތްވާ ބާރުގަދަ ލަޝްކަރެއް އޮންނައިރު އެލަޝްކަރަކީ، ޖިންނީނާއި ދޫނިސޫފާސޫފިވެސް ހިމެނޭ ވަރަށް އާދަޔާޚިލާފު ލަޝްކަރެކެވެ. އަދި އެލަޝްކަރުގައި ހިމެނޭ ދޫނިސޫފާސޫފި އާއި ޖިންނީންވެސް އެކަލޭގެފާނަށް ކިޔަމަންވެއެވެ.

މާތް ﷲއިރާދަކުރެއްވި އަޅަކަށް ބާރާއި މަތިވެރިކަން ދެއްވައެވެ. ސުލައިމާނުގެފާނަށް ލިބުނު ބާރާއި މަތިވެރިކަން އެކަލޭގެފާނު ބޭނުންކުރެއްވީ އަމިއްލަފުޅު ބޭނުމަކަށް ނޫނެވެ. އިސްލާމްދީން ފެތުރުއްވުމަށާއި، ދީނަށް ނަޞްރުދިނުމަށް އަދި ދީން މަތިވެރިކުރެއްވުަމަށެވެ. ރަސްކަމުގެ ހައިބަތާއި ދޭތެރޭ ބޮޑާވެ ކިބުރުވެރިވުމުގެ ބަދަލުގައި ސުލައިމާނުގެފާނު ރަސްކަން ބޭނުންކުރެއްވީ އެހެން ރަސްރަސްކަލުންނަށްވެސް ދީނުގެ ޚަބަރުތައް ފޮނުއްވަވާ އިސްލާމްދީނަށް ގޮވާލެއްވުމަށެވެ.

ސުލައިމާނުގެފާނުގެ ލަޝްކަރުގައި ފެން ހޯދުމުގެ މަސައްކަތް ހަވާލުވެފައިވާ ދޫނި ކަމުގައިވާ ހުދުހުދުއަށް އެދުވަސްވަރު ޔަމަން ސަރަހައްދުގައި ރަނިކަންކުރައްވަމުން ގެންދެވި ބަލްޤީސް ރަނިންގެ ރަނިކަން ފެނިވަޑައިގެންނެވިއެވެ. އަދި އާރާއި ބާރާއި އެކު އެކަމަނާ ރަނިކަންކުރައްވަމުން ގެންދަވާއިރު އެޤައުމުގެ މީހުން އަޅުކަންކުރަމުން ގެންދަނީ މާތް ﷲ އަށް ނޫންކަން އެޚަބަރު ސުލައިމާނުގެފާނަށް އެރުވިއެވެ.

އިސްލާމްދީނަށް ދައުވަތު ދެއްވުމުގެ ގޮތުން، ސުލައިމާނުގެފާނުގެ ގަނޑުވަރަށް ބަލްޤީސް، ސުލައިމާނުގެފާނުގެ އާރާއި ބާރު ބޭނުންކޮށް ހާޒިރުކުރެއްވުމުން ބަލްޤީސް ރަނިންނަށް ފެނިވަޑައިގަތީ އެކަމަނާ އަޖައިބުވެ އަންތަރީސްވާކަހަލަ ކަންތައްތަކެެކެވެ. އެގަނޑުވަރުގެ ހައިބަތާއި އެގަނޑުވަރުގައި ޖަހާފައި ހުރި ޔާގޫތާއި، ޒުމައްރަދާއި ޒީނަތުގެ ރީތިކަމާއި ފުރިހަމަކަން ފެނިވަޑައިގެން ވަރަށް ބޮޑަށް އާޝޯޚުވެވަޑައިގަތެވެ. އަދި އެކަމަނާގެ ތަޚުތުވެސް ސުލައިމާނުގެފާނުގެ ގަނޑުވަރަށް ހާޒިރުކޮށްފައިވާތީ ފެނުމުން އެކަމާއިމެދުވެސް ވަރަށް ބޮޑަށް ޙައިރާންވެވަޑައިގަތެވެ. އަދި އެކަމަނާއަށްވުރެ ބާރުގަދަ ފަރާތެއް ވޮޑިގެންވާކަން މިހުރިހާ ކަމެއް ފެނިވަޑައިގަތުމުން ޤަބޫލުކުރެއްވުނެވެ. އިތުރަށް ކަންތައް ހޯދާ އޮޅުންފިލުވުމުގެ ނަތީޖާއަކީ އެކަމަނާވެސް ސުލައިމާނުގެފާނު އިސްލާމްދީނަށް ވަދެވަޑައިގަތުމަށް ދެއްވެވި ދަޢުވަތު ޤަބޫލުކުރައްވާ މަާތް އަށް އީމާންވުމެވެ.

އަހަރެމެންގެ ހަޔާތަށް ސުލައިމާނުގެފާނާއި ބަލްޤީސް ރަނިންގެ ވާހަކައިން ލިބޭ އިބްރަތަކީ، ޙައްޤުގޮތް އެނގުމުން ޙައްޤަށް ރުޖޫޢަވުމަށް ފަސްޖެހިގެން ނުވާނެކަން އަދި ޙައްޤުގޮތް އެނގުމުން އަވަހަށް އެގޮތަށް ރުޖޫޢަވުމަކީ އެންމެ ރަނގަޅުގޮތެވެ. ބަލްޤީސް ރަނިންނަކީ މާތް ﷲ ނޫން ފަރާތަކަށް އަޅުކަންކުރައްވަމުން ގެންދެވި ފަރާތެއް ނަމަވެސް ޙައްޤުގޮތް އެނގުމުން ގޮތްދޫކުރައްވާ އެގޮތް ޤަބޫލުކުރައްވިއެވެ.

އަދި އެއްވެސްކަމަކީ މާތް ގެ ޙަޟްރަތުަގައި ދަތިއުނދަގޫ ކަމެއް ނޫންކަން އަދި އެކަލާނގެ އިރާދަކުރެއްވި ކޮންމެކަމެއް އިރާދަކުރެއްވި ގޮތަކަށް ވެގެންދާކަމާއިމެދު ޝައްކެއްނެތެވެ.

އަދި އަހަރެމެންގެ މިހަޔާތް ކާމިޔާބުވުން އޮތީ މާތް ރުއްސެވުމާއި ފުއްސެވުން ލިބިގެންކަމާއި އެގޮތުގެ މަތީގައި ދެމިތިބެގެންކަންވެސް އެނގެއެވެ .

comment ކޮމެންޓް