ދުވާލު ކެއުމުގެ މައްސަލަތައް މި އަހަރު މަދު

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ދެ އަހަރާ އަަޅައިބަލާއިރު މިއަހުގެ ރަމަޒާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ފާއިތުވި ދެ އަހަރުގެ ރަމަޒާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލަ އެވެ.

ވަކިވަކި ކުށްތަކަށް ބަލާއިރު، ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފާއިތުވި ދެ އަހަރު އެފަދަ 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފާއިތުވި ދެ އަހަރުގެ ފުރަތަމަ 15ގައި ވައްކަމުގެ 646 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި މިއަހަރުގެ ރަަމަޒާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ހުށަހަޅާފައި ވަނީ ވައްކަމުގެ 368 މައްސަލައެވެ.

ވައްކަން މަދުކުރުމަށް، ނިދުމުގެ ކުރިން، ގޭގެ ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބަލައި ގޭގައި ގެންގުޅޭ މުހިންމު ތަކެތި، ރައްކާތެރިގޮތަކަށް ސައިކަލާއި ކާރުފަދަ ތަކެތިވެސް ތަޅުލުމުުގައި މިހާރަށްވުރެ ސަމާލުކަން ދިނުމަށް ފުލުހުން އެދުނެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޒާން މަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ.

މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު ހުށަހެޅީ 273 މައްސަލައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ފާއިތުވި ދެ އަހަރުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ 398 މައްސަލަ އެވެ.

އޭގެ އިތުރުން، ފާއިތުވި ދެ އަހަރުގެ ފުރަތަމަ 15 ދުވަހާއި މި އަހަރުގެ ފުރަތަމަ 15 އަޅާކިޔާ އިރު، ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ އެ މުއްދަތުގައި ހުށަހެޅީ 129 މައްސަލައެކެވެ.

comment ކޮމެންޓް