މޫސާގެފާނު އުފަންވެވަޑައިގަތީ ބަނީއިސްރާޢީލް ބާގައިގެ ތެރެއަށެވެ. އެދުވަސްވަރު ބަނީއިސްރާޢީލް ބާގައިގެ މީހުންގެ މައްޗަށް ހިނގަމުންދިޔައީ ފިރުޢައުނުގެ ވެރިކަމެވެ.
ފިރުޢައުނަށް ހުވަފެނުން ފެނުނީ ފަލަސްތީނާއި ދިމާއިން މިސްރަށް ބިޔަ އަލިފާންގަނޑެއް އަރައިގަންނަ އައިސް މުޅި މިސްރު އެއަލިފާންގަނޑުގެ ސަބަބުން އަނދާއި އަޅިއަށްވެގެންދާ ތަނެވެ. ފިރުޢައުނުގެ ގާތުގައި ތިބި ކަހީނުން އެހުވަފެނުގެ ތަޢުބީރު ކުރީ، ބަނީ އިސްރާޢިލްބާގައިގެ މީހުންގެ ތެރެއިން ފިރިހެން ކުއްޖަކު އުފަންވާނެކަމާއި އަދި އެ ފިރިހެންކުއްޖާއަކީ ފިރުޢައުނުގެ ވެރިކަމަށް ގޮންޖަހާ ފިރުޢައުނުގެ ވެރިކަމުގެ ނިމުންގެނުވާނެ ފިރިހެންކުއްޖެއްކަމުގައެވެ.
އަދި މިކަމަށް އޮތް ހައްލަކީ ބަނީއިސްރާޢީލް ބާގައިން ކޮންމެ ދެއަހަރުން އެއްއަހަރު އުފަންވާ ހުރިހާ ކުދިން މެރުންކަމަށެވެ.
ފިރުޢައުނު އޭނާގެ ވެރިކަން ސަލާމަތްކުރުމަށްޓަކައި ނަސްލެއް ނައްތާލުމަކީވެސް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއެކު ހަމަ އެއްވެސް ޖެހިލުމެއްނެތިކުރަން ނިންމި ނިންމުމެކެވެ.
މޫސާގެފާނު އުފަންވެވަޑައިގަތީ މިފަދަ އަހަރެއްގައެވެ. އެހެންނަމަވެސް މޫސާގެފާނުގެ މަންމައަށް މާތްالله އިލްހާމްކުރެއްވީ ނީލަކޯރުގެ ތެރެއަށް މޫސާގެފާނު ދޫކޮށްލެއްވުމަށެވެ. އެދަތި އުނދަގޫ ބިރުވެރި ވަގުތުގައިވެސް މޫސާގެފާނުގެ މަންމާފުޅަށް އެހިތްވަރު ލިބިވަޑައިގަތީ މާތްالله އަށް ވަކީލުކޮށް އެކަލާނގެއަށް ފުރިހަމައަށް އިތުބާރާއި ޔަޤީންކަން އޮތުމުންނެވެ. އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގައިވެސް ޚާލިސްްހިތަކުން ވަކީލުކުރަންޖެހޭ ފަރާތަކީ މާތްالله އެވެ.
މާތްالله އަށް ވަކީލުކުރުމުގެ މާނައަކީ ވަކީލުކުރުމާއެކުވެސް އެކަމެއް ޙާސިލްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވެން އޮތް މިިންވަރަކުން ކުރަމުން ގެންދިޔުމެވެ.
ވަށިގަނޑެއްގެ ތެރެއަށް މޫސާގެފާނު ލުމަށްފަހު ދޫކޮށްލުމުން، ފިރުޢައުނުގެ އަނބިކަނބަލުންގެ ބާންދީއަކަން ވަށިގަނޑު ފެނިގެން ގެނެސްދެއްވުމުން ފިރުޢައުނުގެ އަނބިކަނބަލުން ބޭނުންފުޅުވީ މިފިރިހެންކުއްޖާ ގެންގުޅުއްވުމަށެވެ.
ފިރުޢައުނުގެ އާރާއި ބާރު އަދި އޭނާގެ ބޮޑެތި ލަޝްކަރުތައް ބޭނުންކޮށްގެން އޭނާގެ ވެރިކަމުގެ ނިމުން ގެނުވާނެ މި ފިރިހެންކުއްޖާ އުފަންވެނުދިނުމުގެ ގޮތުން އެތައް ކަމެއް ކުރަމުން ގެންދިޔަނަމަވެސް ފިރުޢައުނުގެ ރޭވުންތައްް މާތްالله ނާކާމިޔާބުކުރައްވަވައެވެ. މާތްاللهގެ ކުޅަދުންވަންތަކަމުން މޫސާގެފާނު ބޮޑުފުޅުވީ ފިރުޢައުނުގެ ގަނޑުވަރުތެރޭގައެވެ.
އަހަރެމެންގެ ތެރޭގައި ބޮޑާވެރިކަމާއި ކިބުރުވެރިކަން އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެމެން އިންސާނުންނަކީ މާތްالله އަހަރެމެންނަށް ޢިނާޔަތާއި މަދަދާއި މަތިވެރިކަން ދެއްވިއްޔާ ނޫނީ ހަރަކާތެއްކޮށްލުމުގެ ބާރުވެސް ލިބިގެންވާ ބައެއްނޫނެވެ. މިޙަޤީގަތް އަހަރެމެން އެންމެން ޤަބޫލުކުރަންޖެހެއެެވެ. މާތްالله މޫސާގެފާނު ސަލާމަތްކުރައްވާ، އަދި ދަރިޔަކު މަރާލުމަށް ފިރުޢައުނު އެތައްް ރޭވުމެއް ރާވަމުން ދަނިކޮށް އެހުރިހާކަމެއް ބޭކާރުކޮށްލައްވާ ނާކާމިޔާބު ކޮށްލެއްވި ފަރާތަކީ މާތްاللهًއެވެ.
މިވާހަކައިން އަހަރެމެންނަށް ލިބޭ ފިލާވަޅަކީ އަދި ޢިބްރަތަކީ މާތްالله އަށް ވަކީލުކުރުމުގެ މުހިއްމުކަން އަދި މާތްالله މަތިވެރި ތަޤްދީރުގެ ކުރިމަތީގައި އަހަރެމެން އިންސާނުންގެ ތަދްބީރުކުރުން އަދި ރޭވުމަކީ އެއްވެސް އެއްޗަކަށްނުވެ ހިނގައިދާނެއެވެ. އަދި އަބަދުވެސް އަހަރެމެން މަދަދަށް އެދެންޖެހޭނީ މާތްالله ގެ ޙަޟްރަތުންކަމަށާއި އެކަލާނގެ މަދަދާއި ނުލާ އަހަރެމެންގެ ހަޔާތް ބާއްޖަވެރި ނުވާނެކަމެވެ.