ސޯލިހުގެފާނަކީ މާތްﷲ ޘަމޫދު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވެވި ރަސޫލު ބޭކަލެކެވެ. ސޯލިހުގެފާނަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ރިސާލަތަށް ފުރަގަސްދީ ރަސޫލުކަމުގެ ތެދުކަން ހާމަކޮށްދެއްވުމަށް ތަފާތު ހެކިތައް ދެއްކެވެވުމަށް އެމީހުން ދިޔައީ ސޯލިހުގެފާނަށް ދަންނަވަމުންނެވެ.
މާތްﷲގެ ރަސޫލާ ސޯލިހުގެފާނުގެ ބަސްފުޅުގެ ތެދުކަން ހާމަކޮށްދެއްވުމަށް ދެއްވެވި މުޢުޖިޒާތަކީ ހިލަ ފަރުބަދަތަކުގެ ތެރެއިން ޖަމަލެއް ދެއްވެވުމެވެ. ޘަމޫދުބާގައިގެ އެންމެން އެއްދުވަހެއްގެ މައްޗަށް ފެން ބޭނުންކުރާ މިންވަރަށް އެޖަމަލަށް އެކަނި ފެން ބޭނުންވެއެވެ. އަދި ޘަމޫދުބާގައިގެ އެންމެންނަށް ބޭނުންވާވަރަށް ކިރު ފޯރުކޮށްދިނުމުގެ ޤާބިލްކަން މިޖަމަލަށް މާތްﷲ މިންވަރުކުރައްވާފައިވެއެވެ.
އިސްލާމްދީނުގެ މަތިވެރިކަން އަދި އެކަލާނގެ ރަސޫލާގެ ބަސްފުޅުގެ ތެދުކަން ހާމަކޮށްދެއްވުމުގެ ގޮތުން ފޮނުއްވި މިމުޢުޖިޒާތުގެ ތެދުކަން ޤަބޫލުކުރީ ޘަމޫދުބާގައިގެ މަދު މީސްކޮޅެކެވެ. އަދި މާތްﷲއަށް އީމާންނުވެ މުޢުޖިޒާތުގެ ގޮތުގައި ފޮނުއްވެވި ޖަމަލުވެސް ކަތިލާ މާތްﷲއަށް ގޮންޖެއްސެވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުން މައްޗަށް މާތްﷲ ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވަވާ އެމީހުން ހަލާކުކުރައްވެވިއެވެ.
މިވާހަކައިން އެނގޭ އެންމެ ބޮޑު ޢިބްރަތަކީ އަދި ލިބިގަންނަންވީ ފިލާވަޅަކީ އިންސާނުންނަކީ އަހަރެމެން ހެއްދެވި ޚާލިޤުވަންތަ ﷲއަށް ވުރެ ހުރިހާގޮތަކުންވެސް ނިކަމެތިބަޔެއްކަން އަދި އެއިލާހަށް އެއްވެސް ގޮތަކުން، އެއްވެސް މިންވަރަކަން ގޮންޖަހާލުމުގެ ބާރު އަހަރެމެން އިންސާނުންނަށް ލިބިގެންނުވާކަމެވެ.
އަަހަރެމެންގެ ޙަޔާތުގެ ބޭނުަމަކީ މާތްﷲ އެންގެވިގޮތަށް ދިރިއުޅުން އާރާސްތުކޮށް އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކަލާނގެއަށް އުރެދޭ ފަރާތްތަކަށްހުރި ގެއްލުމާއި ހަލާކުގެ ތެރޭގައި ހިމެނިގެންވާ ބަޔަކަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މުސްލިމަކު ހިމެނުމަކަށް އެއްވެސް ފަރާތެއް ބޭނުމެއްނުވާނެއެވެ.