"ކުސުމް"ގެ ބަތަލާ އާޝްކާ އެކްޓިން އާ ދުރަށް!

ބަތަލާ އާޝްކާ---

ސޮނީ ޓިވީ އިން 2001 ވަނަ އަަހަރުން 2005 ވަނަ އަހަރަށް ގެނެސްދިން މަގްބޫލު ޑްރާމާ "ކުސުމް"ގައި ކުމުދްގެ ރޯލު ކުޅުނު ބަތަލާ އާޝްކާ ގޮރާޑިއާ 35، އެކްޓިންގެ ދާއިރާއިން ދުރަށް ދާން ނިންމައިފި އެވެ.

ކާމިޔާބު ގިނަ ޑްރާމާތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ އާޝްކާ ބުނީ އެކްޓްކުރުމަކީ އޭނާގެ ކެރިއަރު ނޫންކަމަށާއި ވިޔަފާރިވެރިއަކަށް ވުމަކީ އަބަދުވެސް އޭނާގެ ލޭގައި ހުރި ކަމެއް ކަމަށެވެ. އަދި މިވަގުތު ބޭނުންވަނީ ފިލްމީ ދާއިރާއިން ދުރަށް ގޮސް އާ ކަންތައްތަކެއް ހާސިލްކުރުމަށް ކަމަށެވެ. އޭނާ ބުނީ މިހާރު އެކްޓުކުރުމަށް އެހާބޮޑު ޝައުގުވެރިކަމެއް ވެސް ނުހުންނަ ކަމަށެވެ.

އެމެރިކާ މީހަކާ ކައިވެނިކޮށްގެން އުޅޭ އާޝްކާ ބުނީ މިވަގުތު އޭނާ ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށަން ކަމަށާއި އެކްޓިން އިން މުޅިން ދުރުވީއޭ ވެސް އަދި އެނބުރި އަލުން ފެންނާނެއޭ ވެސް އަދި ބުނެވެން ނެތް ކަމަށެވެ. އެކަން އެނގޭނީ ވަގުތު އައިސް ޖެހުމުން ކަމަށްވެސް އާޝްކާ ވަނީ ބުނެފައެވެ.

އާޝްކާ ކުޅެފައިވާ މަގްބޫލު ޑްރާމާ ތަކުގެ ތެރޭގައި "ގަޔާމަތު"، "ކަހީ ތޯ ހޯގާ"، "ނާގިން" އަދި "ސިންދޫރު ތެރޭ ނާމް ކާ" ހިމެނެ އެވެ. އާޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ގެނެސްދިން "ޑާޔަން" އިންނެވެ.

comment ކޮމެންޓް