އެމެރިކާގެ ހާލަތު ބަޔާންކޮށްދޭ ތަގްރީރެއް ކޮންގްރެސްގައި ބައިޑެން ދެއްވައިފި

ވޮޝިންޓަން (29 އެޕްރިލް) : އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމަށް 100 ދުވަސް ވުމާ ގުޅިގެން އެމެރިކާގެ ހާލަތު ބަޔާންކޮށްދޭ ތަގްރީރެއް ކޮންގްރެސްގައި ދެއްވައިފި އެވެ. މި ތަގްރީރުގައި ބައިޑެން ވިދާޅުވީ އެމެރިކާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ޒަމާނީކޮށް އިންފްރާސްޓްރަކްޗަރު ވަރުގަދަ ކުރުމަށް ޓަކައި އެކުލަވާލާފައިވާ ހަތަރު ޓްރިލިއަން ޑޮލަރުގެ އިގުތިސާދީ ޕެކެޖަކީ އެއާނުލައި އެމެރިކާއަށް ދުނިޔޭގެ އެއް ވަނަ އިގްތިސާދުގެ މަގާމު ދިފާއު ނުކުރެވޭވަރުގެ މުހިއްމު އިންވެސްޓްމަންޓް ޕެކެޖެއް ކަމަށާ އެޕެކެޖް ކުރިޔަށް ގެންދަވާނެ ކަމުގަ އެވެ.

ބައިޑެންގެ ވެރިކަމަށް 100 ދުވަސް ވުމާ ގުޅިގެން ކޮންގްރެސްއާ މުޚާޠަބުކުރައްވައި ދެއްވި ތަގްރީރުގައި ވިދާޅުވީ އޭނާގެ ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ޓްރިލިޔަން ޑޮލަރުގެ އިގްތިސާދީ ޕެކެޖަކީ ޖީލެއްގެ ތެރޭގައި އެއްފަހަރު ކުރެވޭފަދަ ބިޔަ އިންވެންސްޓްމަންޓެއް ކަމަށާ އެއީ އެއާނުލައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމު މުސްތަގްބަލްގައި އެމެރިކާއަށް ދިފާއު ނުކުރެވޭނެ ސްޓްރެޓީޖިކް ޕެކެޖެއް ކަމުގައެވެ.

ބައިޑެން ވިދާޅުވީ އެމެރިކާއާ ވާދަވެރި ޗައިނާއާއި އެނޫން ވެސް އެތަށް ގައުމަކުން ދަނީ އިގްތިސާދީ ގޮތުން ވަރަށް ހަލުވިކަމާ އެކު އެމެރިކާއާ ފައިހަމަކުރުމަށް ނުވަތަ އެމެރިކާގެ މައްޗަށް ކުރިހޯދުމަށް މަސައްކަތްކުރަމުންނެވެ.

ކޮންގްރެސްއާ މުޚާޠަބުކުރައްވައި ދެއްވި ތަގްރީރުގައި ބައިޑެން ފާހަގަ ކުރެއްވި އަނެއްކަމަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އޭނާގެ ސަރުކާރުން ހޯދި ކާމިޔާބީއެވެ. ބައިޑެން ވިދާޅުވޮގޮތުގައި އޭނާގެ ވެރިކަމުގެ 100 ދުވަހު ތެރޭގައި އެމެރިކާގެ އާބާދީގައި ހިމެނޭ 330 މިލިއަން މީހުންގެ ތެރެއިން 220 މިލިޔަން މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދީފައިވާނެ ކަމަށާ ކޮވިޑް ފެތުރޭމިންވަރު ފާއިތުވި 100 ދުވަހުގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައިވާ ކަމުގަ އެވެ. މިއީ މިތާރީޚީ ކާމިޔާބެއް ކަމަށް ސިފަކުރައްވަމުން ވެކްސިން މަޝްރޫއަކީ އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާފައިވާ ލޮޖިސްޓިކް އެންމެ ބޮޑު މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އެމެރިކާއިން ރަޝިޔާއާ އަދި ޗައިނާއާ ބާއްވާ ގުޅުންތަކާ ބެހޭ ގޮތުން ބައިޑަން ވިދާޅުވީ އޭނާގެ ސަރުކާރުން އެދެގައުމާ ވެސް ރަނގަނޅު ގުޅުންތަކެއް ބާއްވާނެކަމަށާ ފަހަކަށް އައިސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅިނަމަވެސް އެކަންކުރަންޖެހުނީ ރަޝިއާގެ ނުރަނގަނޅު އަމަލުތަކަށް މެސެޖެއް ދިނުމުގެ ގޮތުންކަމުގައެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅައި ގުޅުންތައް ގޯސްކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާ ޗައިނާ އާއެކުވެސް ގެންގުޅޭނީ ވާދަވެރި ގުޅުންތަކެއް ކަމަށް ބައިޑެން ވިދާޅުވި އެވެ.

އުތުުރުކޮރެއާއާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް އިޝާރަތް ކުރައްވައި ބައިޑެން ވިދާޅުވީ އެއީ ނުރައްކާތެރި ދެ މަޝްރޫއު ކަމަށާއި އެދެ މަޝްރޫއުގެ ކަންތައް ސުލްހަވެރިކަމާ އެކު ހައްލުކުރަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ކަންތައް ވެސް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ބައިޑެން ގެ ޚިތާބުގައި އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދާ މައްސަލައާއި އިސްރާއީލުން ފަލަސްތީނަށާއި ސޫރިޔާއަށް ދޭ އުުދުވާނީ ޙަމަލާތަކަށް އިޝާރާތެއް ނުކުރައްވަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައަށް ވެސް އަޅާލައްވާފައެއް ނުވެ އެވެ.

ބައިޑެންގެ ތަގްރީރުގައި އޭނާ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވިއިރު އެމެރިކާ އޮތީ އިގްތިސާދީ ގޮތުން ވަރަށް ބަލިކަށިވެފައި ކަމަށާއި ނަމަވެސް އެހާލަތުން އެމެރިކާއަށް މިހާރު އަރައިގަނެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް