އީރާނާ ގުޅުންތައް ރަނގަނޅު ކުރަން ބޭނުންވާކަން ސައޫދީ ހާމަކޮށްފި

ރިޔާޟް (28 އެޕްރިލް ) : އީރާނަކީ ސައޫދީގެ އަވަށްޓެރި ގައުމެއް ކަމަށް ސިފަކުރައްވައި އީރާނާ ގުޅުންތައް ރަނގަނޅު ކުރަން ބޭނުންވާ ކަމަށް ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ސައޫދީ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ އީރާނަކީ އަވަށްޓެރި ގައުމެއްކަމަށާއި އީރާނާ ސައޫދީގެ ގުޅުންތައް ރަނގަނޅުކުރުމަކީ ދެގައުމަށް ވެސް ބޮޑެތި ފައިދާ ތަކެއް ކުރާނެ ކަމެއް ކަމުގަ އެވެ. އަދި އީރާނުގެ އަމަލުތައް ހުންނަ ގޮތުން އެގައުމާއި ސައޫދީ އާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާކަމަށާ އެކަން ހައްލުވެގެންދާނެ ކަމަށް ވެސް ބިން ސަލްމާން ވިދާޅުވި އެވެ.

އީރާނާމެދު ބިން ސަލްމާން ގެންގުޅުއްވި ހަރުކަށި ރާގު އަނެއްކޮޅަށް ބަދަލުވެ އީރާނާ ގުޅުންތައް ރަނގަނޅު ކުރަންބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައި މިވަނީ އީރާނާއި ސައޫދީ މަސްއޫލުވެރިން ދެ ބުރެއްގެ މަތިން މިމަހުގެ ތެރޭގައި އިރާގުގެ ވެރިރަށް ބަޣްދާދުގައި ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވާކަން ދުނިޔޭގެ މަޝްހޫރު ޚަބަރު ފަތުރާ އެތަށް ވަސީލަތްތަކަކުން ކަށަވަރުކޮށްދީފައިވަނިކޮށެވެ. ނަންހާމަ ކުރަންނޭދޭ އިރާގުގެ މަސްދަރަކުންވެސްވަނީ ބަޣްދާދުގައި އީރާނާއި ސައޫދީ މަސްއޫލުވެރިން މިމަހު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިކަން ކަށަވަރުކޮށް ދީފަ އެވެ.

ބިން ސަލްމާން އާ ހަވާލާދީ ސައޫދީ މީޑިއާ ބުނާގޮތުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާން ނިކަމެތި ކުރަން މަސައްކަތް ކުރުމަކީ ސައޫދީ ބޭނުންވާ ކަމެއްނޫނެވެ. އޭގެ ބަދަލުގައި އީރާން އިގްތިސާދީ ގޮތުން ކުރިއަރައި އީރާންގެ ރައްޔިތުން ތަނަވަސްކަމުގައި އުޅޭތަން ފެނުމަކީ ސައޫދީ ވެސް ބޭނުންވާ ކަމެއްކަމަށާ އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރެވި ދެގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަމަށް ބިން ސަލްމާން އާ ހަވާލާދީ ސައޫދީ މީޑިއާ ޚަބަރު ދެއެވެ.

ބިން ސަލްމާން ސައޫދީ މީޑިއާއަށް ބަސްދީގަތުން ދެއްވަނީ

ސައޫދީ ން އީރާނާ ގުޅުންތައް ކަނޑާލީ 2015 ވަނަ އަހަރު ސައޫދީ ރަސްކަމަށް ބިން ސަލްމާންގެ ބައްޕާފުޅު ސަލްމާން ބިން އަބްދުލްއަޒީޒު އިސްވެ ވަޑައިގަތުމާއެކު ބިން ސަލްމާނަށް ލިބިވަޑައިގެންނެވި އާދަޔާ ޚިލާފު ބާރުތަކަށްފަހު އެވެ. ފާއިތު އަހަރުތަކުގައި ބިން ސަލްމާން މުޅިން ވެސް ގެންދަވަނީ އީރާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއްދީ އީރާނަށް ބިރުދައްކައި އިންޒާރުތައް ދެއްވަމުންނެވެ.

ބިން ސަލްމާންގެ ބަސްމަގު އީރާނާމެދު ބަދަލުވެފައި މިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކާމިޔާބުވުމާ ގާތަށްގޮސް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އުސޫލެއްގެ ގޮތުން އެމެރިކާ އެއްބަސްވެފައިވާ ކަމުގެ ޚަބަރުތައް ފެތުރުނުތާ ދެތިން ދުވަސް ފަހުންނެވެ.

މިކަމަށް އުސޫލެއްގެ ގޮތުން އެމެރިކާ އެއްބަސްވެފައި ވަނީ އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި އެމެރިކާއާއި އީރާނުގެ މަސްއޫލުވެރިން ދެ ބުރެއްގެ މަތިން ކުރިޔަށް ގެންދިޔަ މަޝްވަރާ ތަކުގައެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމާ ބެހޭ ގޮތުން އެމެރިކާއާއި އީރާނުން ވިއެނާގައި ވާހަކަތައް ދައްކަމުން ގެންދަނީ ޔޫރަޕްގެ އިއްތިޙާދު މެދުވެރިއަކަށް ވެގެން ޗައިނާއާއި ރަޝިއާވެސް ބައިވެރިވާގޮތަށެވެ. މީގެ ތިންވަނަ ބުރުގެ ވާހަކަތައް އިއްޔެ ވަނީ ފެށިފަ އެވެ.

ބިން ސަލްމާނަށް ސައޫދީ ރަސްކަމުގެ ބޮޑެތި ބާރުތަކެއް ލިބުމާއެކު 2015 ވަނައަހަރު ސައޫދީންވަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފަ އެވެ. ސައޫދީގެ ޙަމަލާތަކުގައި ޔަމަންގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފަ އެވެ. އެތަށް ހާސްބަޔަކުވަނީ މަރުވެފަ އެވެ. ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ސައޫދީ ވަދެގަތީ އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަކުރީ އީރާނުގެ އެހީތެރިކަމާއެކުގައި ކަމަށް ތުހުމަތު ކުރުމަށްފަހު ހޫޘީން ގެ ކިބައިން ޔަމަން މިނިވަންކުރާނެކަމުގެ ވައުދުތަކާއެކުގަ އެވެ.

ހޫޘީން ބަލިކުުރުމަށްޓަކައި ޔަމަންގެ ހަނގުރާމައަށް ސައޫދީ އަސްކަރީގޮތުން ވަދެގަތީ ދެތިން މަސްތެރޭގައި ހޫޘީން މުޅިން ބަލިކޮށް ސައޫދީއަށް ތާއީދުކުރާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ގެންނާނެ ކަމުގެ ވައުދުތަކާ އެކުގައެވެ. ނަމަވެސް އެމެރިކާގެ ޒަމާނީ ހަތިޔާރާއެކު ޔަމަންގައި ސައޫދީ ސިފައިން ހަނގުރާމަކުރާތާ 6 އަހަރުވީއިރު ވެސް މިއިން އެއްވެސް މަގްސަދެއް ސައޫދީ އަށް ހާސިލް ކުރެވިފައެއް ނުވެއެވެ. ޔަމަންގެ ވެރިކަމުގައި އަދިވެސް ތިބީ ހޫޘީންނެވެ.

އަދި ހޫޘީން މިހާރު ގެންދަނީ ސައޫދީ ތެލުގެ އެންމެ ބޮޑެތި މަރުކަޒުތަކާއި އެއާޕޯޓްތަކާއި އެނޫން ވެސް ސައޫދީ އިގްތިސާދީ ހައްސާސް ތަންތަނަށް ޑްރޯން އާއި ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ބަދަލު ހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ސައޫދީއަށް ޖެހެނީ އަމިއްލަ ނަފްސު ދިފާއުގައި މަސައްކަތް ކުރާށެވެ. ސައޫދީ ސިފައިން ޔަމަނަށްދޭ ހަމަލާތައް ހުއްޓާލައި ސައޫދީ ސިފައިން ޔަމަނުން ފޭބުުމުން ނޫނީ ސައޫދީ އަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.

ސައޫދީން ސިއްރިޔާތުގައި އީރާނާ ވާހަކަދައްކަން ފެށީ އަދި މިހާރު އީރާނާ ގާތްވާން ބޭނުންކަމަށް ވިދާޅުވެ ބިން ސަލްމާން ވާހަކަ ދައްކަވާފައި މިވަނީ ހޫޘީންގެ ހަމަލާތައް ނުހުއްޓުވިގެންނާ އަދި ޔަމަންގެ ހަނގުރާމައިގާ ސައޫދީ މުޅިން ނާކާމިޔާބުވެ ހަނގުރާމަ ދިގުލައިގެން ދިޔުމާއެކު ސައޫދީ އިގްތިސާދަށް ބާރުބޮޑުވެ އީރާނުގެ އެހީތެރިކަމާ ނުލައި ޔަމަންގެ ހަނގުރާމައިންނާއި ހޫޘީންގެ ބަދަލުހިފުމުގެ ޙަމަލާތަކުން ސަލާމަތް ނުވެނޭނެކަން ކަށަވަރުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިން ސަލްމާން ސައޫދީ މީޑިއާ އަށް ދެއްވި ބަސްދީގަތުމުގައި އޭނާވަނީ ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޔަމަންގެ ހޫޘީންނާއެކު ސުލްހައިގެ ވާހަކަތައް ފަށަން ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގެ ސިޔާސަތަށް އައި ބަދަލާއެކު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަން ސައޫދީއަށް ޔަގީންވުމަކީވެސް އީރާނާ ސުލްހަވުމަށް ސައޫދީ އަށް މަޖްބޫރުވާ ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު