މީހުން ޓްރެފިކްކޮށްގެން ހޯދާ މުދާ މިހާރު ދައުލަތަށް ނެގޭނެ

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

މީހުން ޓްރެފިކްކޮށްގެން ކުރާ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވި ބުދަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ އިސްލާހުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ. ހަމަ އެއާއެކު ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަންވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ.

ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގަ އެވެ.

އޭގެ އިތުރުން މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއްކަމުގައި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެ އެވެ.

ހަމަ އެއާއެކު، ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކުރާގޮތުން، ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައި ބަޔާންކޮށްފައިވެ އެވެ. އަދި މިކަން ކުރުމަށް އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރައީސް ބިލު ތަސްދީގުކުރެއްވުމާއެކު، މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް