ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުން ފިތުރު ޒަކާތް ދައްކާފައި ވަނީ 20،863 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 899،031 ރުފިޔާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1،942،201 ރުފިޔާ ލިބުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެންމެ ގިނަ މީހުން ޒަކާތް ދީފައި ވަނީ އާދައިގެ ހަނޑުލުންނެވެ. އެގޮތުން 11،551 މީހަކު އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި 138،612 ރުފިޔާ ވަނީ ދައްކައިފަ އެވެ.
ފިތުރު ޒަކާތް ދައްކާފައިވާ ގޮތުގެ ތަފްސީލް:
އާދައިގެ ހަނޑޫ: 11،551 މީހުން - 138،612 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 1331 މީހުން - 69،212 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 2338 މީހުން - 151،970 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 1729 މީހުން - 153،881 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 2725 މީހުން - 340،625 ރުފިޔާ
ރަތް ހަނޑޫ: 292 މީހުން - 22،776 ރުފިޔާ
އާދައިގެ ފުށް: 632 މީހުން - 6320 ރުފިޔާ
އާޓާ ފުށް: 265 މީހުން - 15،635 ރުފިޔާ
މާލޭ ސަރަހައްދުގައި މި އަހަރު ވެސް އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މިހާތަނަށް ޒަކާތް ދެއްކި މީހުންގެ ތެރެއިން 17،858 މީހުން ޒަކާތް ދެއްކީ އޮންލައިންކޮށް ކަމަށެވެ. އަދި 3005 މީހަކު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދައްކާފައިވާ ކަމަށެވެ.
ފިތުރު ޒަކާތް ދެއްކުމަކީ ވާޖިބެއް ކަމަށްވުމުން، ހުރިހާ ފަރާތްތަކުން ވެސް ޒަކާތް ދައްކަން އިސްލާމިކް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.
މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 65 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
- ރަތް ހަނޑޫ: 78 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 59 ރުފިޔާ