ދީނުން ފިލާވަޅެއް: ޔޫނުސްގެފާނުގެ ތައުބާ

ޔޫނުސްގެފާނަކީ މާތްﷲ ބަނީ އިސްރާއިލުންގެ ގާތަށް ފޮނުއްވި އެކަލާނގެ ރަސޫލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ ނައިނަވާގެ އަހުލުވެރިންގެ ގާތަށެވެ. އިރާގުގެ ހިސާބެއް ކަމުގައިވާ ނައިނަވާއަކީ އެޒަމާނުގައި ޢާޝޫރީންނޭ ކިޔުނު ދައުލަތެއްގެ ވެރިރަށް ކަމުގައިވެސް ބުނެވެއެވެ. މާތްﷲ އެކަލާނގެ ކަލާމްފުޅުގައި ޔޫނުސްގެފާނުގެ ނަންފުޅު ހަތަރު ފަހަރު ވަހީކުރައްވާފައިވެއެވެ.

އެހެން ރަސޫލުންނެކޭ އެއްފަދައިން ދީނަށް ގޮވާލެއްވުމުގެ މަސައްކަތުގައި ޔޫނުސްގެފާނުވެސް ނިކަން ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ އެ މަސައްކަތްޕުޅަށް މާބޮޑު ތަރުހީބެއް ލިބިވަޑައެއްނުގަތެވެ. އެއާއެކު ނުހަނު މާޔޫސްކަން އެކަލޭގެފާނަށް ވެރިވިއެވެ. އަދި ﷲގެ ހިދާޔަތަށް ފުރަގަސް ދިނުމުގެ ނަތީޖާއެއްގެ ގޮތުން މާތްﷲ އެ ރަށަށް އެކަލާނގެ ކޯފާ ފޮނުއްވާނޭ ކަމުގެ ޚަބަރުވެސް ޔޫނުސްގެފާނު އެބައިމީހުންނަށް ދެއްވިއެވެ.

އެހެންނަމަވެސް އެބައިމީހުންގެ ހިތްތަކަށް އީމާންތެރިކަމުގެ ކުޑަވެސް މިންވަރެއް ނުވަދެއެވެ. އަދި ވީ ނާއުންމީދާއެކު ޔޫނުސްގެފާނު ﷲގެ އަމުރުފުޅަކާއި ނުލައި އެރަށުން ނުކުންނެވުމުގެ އުގޫބާތެއްގެ ގޮތުން ބިޔަ ބޮޑު މަހެއްގެ ތެރޭގައި ﷲ އިރާދަފުޅު ކުރެއްވި މުއްދަތަކަށް ލެއްވިއެވެ. ޔޫނުސްގެފާނު އެކަލޭގެފާނުންނަށް ހަވާލުކުރެއްވެވި މަސްއޫލިއްޔަތާއި އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކަނޑައެޅުއްވި ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމުގެ ދެއްވި މި އުގޫބާތުން އެކަލާނގެ ނަބިއްޔުންވެސް އަމުރުފުޅަކާއި ޚިލާފުވެވަޑައިގަތުމުން އޭގެ ނަތީޖާއާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭކަން އެނގިގެން ދެއެވެ.

އެހިސާބުން ޔޫނުސްގެފާނަށް އެކަލޭގެފާނަށް ކުށެއް ކުރެއްވިއްޖެކަން އެނގިވަޑައިގަތެވެ. އެ މަހުގެ އަދިރީގެ ތެރޭގައި އެކަލޭގެފާނު ވަގުތުތައް ހޭދަކުރެއްވީ ﷲ އަށް އަޅުދާސްވެ އަޅުކަން އަދާކޮށް ތައުބާވެލެއްވުމުގައެވެ. އަދި އެކަލޭގެފާނު ކުރެއްވި ވަރަށް ހާއްސަ ދުއާއެއްވެސް ޑރ.ޒަކަރިއްޔާވަނީ ހިއްސާކޮށްދެއްވާފައެވެ.

"ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވިކަމަށްވޭ މީހަކަށް ކުށެއް ކުރެވި ތައުބާ ވުމަށް އެދި ޔޫސުފްގެފާނުގެ މި ތަސްބީހަ ކިޔައިފިކަމުގައިވަނީނަމަ ﷲ އެ ދުއާ އެއް އިޖާބަކޮށްދެއްވައޭ. ޔޫނުސްގެފާނުގެ މި ދުއާއަކީ ވަރަށް މަތިވެރި ދުއާއެއް،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އަދުގެ މުޖުތަމައުގައިވެސް ކަންކަމާއި މާޔޫސްވެ ހިތްދަތިވުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަންމުންދާ ކަމެކެވެ. މި ވާހަކައިން އެނގޭ އެއްކަމަކީ މިފަދަ ހާލަތުގައި ތިމާ މަދަދަށް އެދެންވީ ﷲ އަށް ކަމާއި، އެކަންކަމުން އަރައިގަނެ ރަހުމަތަށް އެދެންވީ އެކަލާނގެ ހަޒްރަތުންކަމެވެ.

comment ކޮމެންޓް