ދީނުން ފިލާވަޅެއް: ޔޫސުފްގެފާނުގެ އަޚުންގެ ރޭވުން

ކީރިތި ގުރުއާނުގައިވާ ސޫރަތްތަކުގެ ތެރެއިން ޔޫސުފް ސޫރަތަކީ ޔޫސުފްގެފާނުގެ ހަޔާތްޕުޅުގައި ހިނގައިދިޔަ ތަފާތު ހާދިސާތަކެއްގެ ވާހަކަ ބަޔާންކުރެވިފައިވާ ސޫރަތެކެވެ. މިގޮތުން ހިމެނިފައިވާ އެއް ވާހަކައަކީ ޔޫސުފްގެފާނަށް ފެނިވަޑައިގަތް އާދަޔާ ޚިލާފް ހުވަފެންފުޅެކެވެ. މި ހުވަފެންފުޅުގައި ތަރިތަކެއް އެކަލޭގެފާނަށް ސަޖިދަ ޖަހައެވެ. އަދި ހުވަފެން ތައުބީރު ވެގެން އައިއިރު މިސްރުގެ ހަޒާނާގެ ވެރިކަން ޔޫސުފްގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި އެންމެފަހުން އެކަލޭގެފާނަށް އަދާވާތްތެރިވި އެކަލޭގެފާނުގެ އެއްބަފާ އަޚުން ޔޫސުފްގެފާނުގެ އަރިހަށް އައިގޮތުގެ ވާހަކަވެސް ގުރުއާނުގައި ވެއެވެ.

މިއަދު އަހަރެމެންގެ ދުނިޔޭގައިވެސް އެއްބަނޑު އަދި ތިމާގެ މީހުންގެ މެދުގައި ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ނަތީޖާ ނިމިގެން ދަނީ ނިކަން ހިތާމަވެރިކޮށެވެ. އަދި މުދަލާއި ގެދޮރުގެ ވާދަވެރިކަމުގެ ތެރޭގައި މައިންބަފައިންނާއި ދަރިންނާއި ދެމެދުގައިވެސް ބޮޑެތި އަދާވާތްތެރިކަން އުފެދިފައި އެބަހުއްޓެވެ. މިފަދަ ކަންކަމުގައި ދަރީންގެ އަމިއްލަ އަތުން އެމީހުންގެ މައިންބަފައިންނަށް އެތަށް އަނިޔާއެއް ދެމުންދާކަމީވެސް މިއަދު ދުނިޔެ ދެކޭ ހަގީގަތެކެވެ.

ޔޫސުފްގެފާނުގެ މި ވާހަކައިން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ކިޔައިދެއްވާ ފިލާވަޅަކީ މިއެވެ. ޔޫސުފްގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅާއި ދެމެދުގައި އޮތް މާތް ލޯތްބަށް އެކަލޭގެފާނުގެ އެއްބަފާ އަޚުން ހަސަދަވެރިވެވަޑައިގެން، ނުބައި ވަސްވާސްތަކުގައި ޖެހި އެންމެ ފަހުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް އެ އަޚުން ރޭވިއެވެ. އަދި ﷲގެ ހެޔޮ ރަހުމަތްފުޅާއިއެކު އެކަން ކާމިޔާބު ނުވުމުން އެކަލޭގެފާނު ވަޅަކަށް އެއްލަވާލެއްވީއެވެ.

ޔޫސުފްގެފާނު އެ ވަޅުން ސަލާމަތްވެވަޑައިގެން ﷲގެ އިރާދަފުޅާއިއެކު މިސްރުގެ ހަޒާނާގެ ވެރިކަން ލިބިވަޑައިގަތެވެ. އަދި އެ އަޚުން އެކަލޭގެފާނުގެ އަރިހަށް އައިސް އެންމެ ފަހުން މާފަށް އެދެން ޖެހޭ ހިސާބަށް ދިޔައެވެ. އެއާއެކު ފެނިގެންދިޔައީ ޔޫސުފްގެފާނުގެ ހިތްތިރިކަމެވެ. އެކަލޭގެފާނުގެ ފުރާނަކޮޅު ގެއްލުވާލަން މަސައްކަތްކުރި އަނިޔާވެރި އަޚުންނަށް އެކަލޭގެފާނު ނުހަނު އޯގާތެރިކަމާއިއެކު މާފުކުރެއްވިއެވެ.

"މި ހާދިސާއިން އަހަރެމެންނަށް ލިބޭ އިބްރަތާއި ފިލާވަޅު ވަރަށް ބޮޑު. ދަހިވެތިވެގެން ނުވާނެކަމާއި، މުދަލާއި މުއްސަނދިކަމަށްޓަކައި ތިމާގިވަންތަކަމުގެ ގުޅުން ކަނޑާލާ ހިސާބަށް ގޮސްގެން ނުވާނެ ކަން، ހަމަ އެހެންމެ ހަސަދަވެރިކަމުގެ ހުޅު ހިތުގައި ރޯވެއްޖިއްޔާ ތިމާގެކަމާއި ރަހިމުގެ ގުޅުމަކީވެސް ތިމާއަށް އެއްވެސް އެއްޗަކަށް ނުވާނެ ކަމާއި ޝައިތާނާ އެދިމާލަށް އިންސާނުން ގެންދަމުން ދާކަމަށް އަހަރެމެން އިންސާނުން ހުޝިޔާރުވެ، ތައްޔާރުވެ އަދި އެ ވަސްވާހުން ސަލާމަތްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭނެކަން މިކަމުން އެނގިގެންދޭ." ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް