ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
ނަމަވެސް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އެ ބިލު އަނބުރާ ނަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
ޕެންޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރުގޮތެއްގައި ދައުލަތާއި މުޖުތަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ހަރަދުކުރުމުގެ އިންތިޒާމު ހަމަޖައްސައި، ދައުލަތުގެ މުވައްޒަފުން ވަޒީފާ އިން ވަކިވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޓަކައެވެ.
އެގޮތުން ހިދުމަތުގެ މުއްދަތަށް ބަލައި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާގުޅޭ އިތުރު އުސޫލުތައް ކަނޑައަޅަން ޝިޔާން ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން، އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެމީހަކު އެ މަގާމުގައި ދެމިހުންނަ މުއްދަތަށް އަސަސީ ޕެންޝަން ލިބުން މެދުކެނޑޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އެ ބިލު އަނބުރާ ގެންދިޔަ އިރު، މަޖިލިސް މެމްބަރުންނާއި އާންމުންގެ ފަރާތުން ވެސް ބިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.