ކޮލަމްބޯ (އޭޕްރިލް 25): ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުން މުސްލިމް ލީޑަރެއް އަދި ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ރިޝާދު ބަތީއުއްދީން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ ވިދާޅުވި ގޮތުގައި އޯލް ސިލޯން މައްކަލް ޕާޓީގެ ލީޑަރު ކަމަށްވާ ބަތީއުއްދީން އާއި އޭނާގެ އާއިލާގެ މެމްބަރަކު އިއްޔެ ހައްޔަރު ކުރީ ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓް (ޕީޓީއޭ)ގެ ދަށުންނެވެ.
"އެ މީހުން ހައްޔަރު ކުރީ އަމިއްލައަށް މަރުވެގެން ހަމަލާ ދިން މީހުންނާ ގުޅުން އޮތް ކަމުގެ ހެކި ފެނުމުން، ޕީޓީއޭގެ ދަށުން،" ރޮހާނާ ވިދާޅުވި އެވެ.
ލަންކާއިން ބަތީއުއްދީން ހައްޔަރު ކުރީ އީސްޓާ ސަންޑޭގެ ހަމަލާތަކާ ބެހޭ ތަހުގީގު ސަރުކާރުން ލަސް ކުރާ ކަމަށް އެގައުމުގެ ރޯމަން ކެތޮލިކް ޗާޗްގެ ވެރިޔާ ތުހުމަތު ކުރެއްވިތާ ތިން ދުވަސް ފަހުންނެވެ.
އެ ހަމަލާތަކާ ގުޅިގެން 200 ވަރަކަށް މީހުން ހައްޔަރު ކުރި ނަމަވެސް އެއްވެސް މީހަކަށް އަދި ދައުވާކޮށްފައި ނުވެ އެވެ.
ލަންކާގެ ޕާލިމެންޓު މެމްބަރުކަން 2001އިން 2020އަށް ކުރައްވާފައިވާ ބަތީއުއްދީން ވަނީ އެގައުމުގެ އިންޑަސްޓްރީ އެންޑް ކޮމާންސް މިނިސްޓަރުކަން 2010އިން 2019އަށް ކުރައްވާފަ އެވެ. އޭގެ ތެރޭގައި މަހިންދަ ރާޖަޕަކްސަ އާއި މައިތިރިޕާލާ ސިރިސޭނާ ރައީސްކަން ކުރެއްވި ދައުރުތައް ހިމެނެ އެވެ.
އެކާވީސް އޭޕްރިލް 2019ގައި ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި 279 މީހަކު މަރުވި އެވެ.