ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުން އިތުރުވާތީ މަޖިލީހަށް ގަރާރެއް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު --- ފޮޓޯ/ މަޖިލިސް

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެފަދަ މައްސަލަތައް މަދުކުރުމާއި އެފަދަ އަމަލި ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އެވެ.

ގަރާރުގައި ބުނެފައިވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެފައިވާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.

"ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން ރޭޕްކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުންދާތީ." ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ އިންސާފުލަސްވެ އިހުމާލު ބޮޑުވެފައިވާތީ މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވާ ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހަގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އާދަމް ޝަރީފުގެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް