އާ ކޮވިޑް ކޭސްތަކަކާ އެކު ތިނަދޫ އަނެއްކާ ވެސް ބަންދުކޮށްފި

ގ.ދ. ތިނަދޫ --- ފޮޓޯ / ސްޓޫޑިއޯ33

ގދ. ތިނަދޫއިން ކަރަންޓީނުގައި ނެތް ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެ ރަށް އަނެއްކާ ވެސް މޮނިޓަރިންގް ހާލަތަށް ގެނެސްފި އެވެ.

ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު "ސަން" އަށް ވިދާޅުވި ގޮތުގައި އެރަށުން މިފަހަރު ޕޮޒިޓިވްވީ ކަރަންޓީނުގައި ހުރި ފަރާތެއްގެ ކޮންޓެކްޓެކެވެ.

"އެމީހާއަކީ ތިނަދޫގައި ކަރަންޓީނުގައި ހުރި ފަރާތެއްގެ ކޮންޓެކްޓެއް. އެއް ގެޔެއްގައި ދިރިއުޅެމުން ދިޔައީ. ދެން ކަރަންޓީނުގައި ހުރި ފަރާތް ޕޮޒިޓިވް ވުމުން، ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ފާހަގަވެގެން ޓެސްޓުކުރި އިރު ޕޮޒިޓިވްވީ،" އަމްޖަދު ވިދާޅުވި އެވެ.

ތިނަދުއިން ޕޮޒިޓިވްވި މީހާގެ ނަތީޖާ ލިބުނީ އިއްޔެކަން ފާހަގަ ކުރައްވަމުން އަމްޖަދު ވިދާޅުވީ އަދި ނަތީޖާ ނުލިބޭ ދެ ސާމްޕަލެއްވަރު އެބަ ހުރި ކަމަށެވެ. އެއީވެސް ހަމަ ޕޮޒިޓިވްވި ކޭސްތަކާއި ގުޅުން ހުރި ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ދެނެގަނެވުނު ފަރާތްތަށްކަމަށް އަމްޖަދު ވިދާޅުވި އެވެ. ރަށުގެ ހާލަތު މުޅިން އެނގޭނީ އެ ދެ ސާމްޕަލްގެ ނަތީޖާ ލިބުމުން ކަމަށް ވެސް އަމްޖަދު ވިދާޅުވި އެވެ.

"ކަރަންޓީނުގައި ހުރި ފަރާތް ހަމަ ހުރީ ކަރަންޓީނުގައި، ދެން އެ ފަރާތުގެ ކޮންޓެކްޓް، ޕޮޒިޓިވް ވި ފަރާތް، އެބަ ހުރި ރަށު ތެރޭ އުޅެފައި،" އަމްޖަދު ވިދާޅުވި އެވެ.

ކޭސްތައް ފެނުމާއެކު އިތުރު ގޮތެއް އަންގަންދެން އެޗްޕީއޭއިން ވަނީ އެރަށަށް އަރާފޭބުން މަނާކޮށްފަ އެވެ. ގާތްގަނޑަކަށް 8،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގައި މިހާރު ވަނީ ކުރިޔަށް އޮތް ފަސް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވެސް އަޅައިފަ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އެއްތަންވެ ރޯދަ ވީއްލުން އަދި ހަފްލާތަކާއި ޕާޓީތަކުގެ އިތުރުން އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާ ކޮށްފަ އެވެ.

ތިނަދުއިން ކޮވިޑް-19 ކޭސްތަކެއް ފެނިގެން ރަށް މީގެ ކުރިން އެންމެ ފަހުން މޮނިޓަރިންގް އަށް ލީތާ އަދި އެއްމަސް ދުވަސްވެސް ނުވެ އެވެ. އެފަހަރު އެ ރަށުން ޖުމްލަ އަށް ކޭސް ވަނީ ފެނިފަ އެވެ.

comment ކޮމެންޓް