އެގްރޮނެޓާއެކު 400 ދަނޑުވެރިން އެއްބަސްވުމުގައި ސޮއިކޮށްފި

އޭޕްރީލް 12، 2021: އެސްޓީއޯ އެގްރިސެންޓަރު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގްރޯނެޓާއެކު 400 ދަނޑުވެރިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް މިދިޔަ އަހަރުގެ އޭޕްރީލް 21 ގައި އުފެއްދި އެގްރޯނެޓް ކުންފުނީގެ ފުރަތަމަ އަހަރީ ދުވަހާ ގުޅުވައިގެން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމުގައި އޮތް ދައްޗަށް އެ ކުންފުނި އުފެދުމާއެކު ހައްލެއް އައިސްފައިވާ ކަމަށެވެ.

ކޮންޓްރެކްޓް ފާމިން އަށް ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން 1،500 އަށް ވުރެ ގިނަ ދަނޑުވެރިން އެމަޝްރޫޢުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައި ވާކަމަށް އެގްރޯނެޓުން ބުންޏެވެ. އަދި މިހާތަނަށް 400 ދަނޑުވެރިއަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، އިތުރު 684 ދަނޑުވެރިންނާއެކު އެގްރިމެންޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ކުންފުނިން މިހާރު ބާޒާރަށް ނެރެފައިވާއިރު ރަމަޟާން މަހަށް ހާއްސަކޮށްގެން އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ބާޒާރަށް ނެރެފައިވާ ކަމަށާއި މިއާއެކު ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށް އެގްރޯނެޓުން ބުންޏެވެ.

ކޮންޓްރެކްޓް ފާމިންް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއް ހިޔާރުކޮށް، އޭގެތެރެއިން ކޮންޓްރެކްޓް ފާމިންއަށް ތައްޔާރުވެ، ދަނޑުވެރިންނާއެކު އެގްރީމެންޓް ކުރެވިފައިވާ ރަށްރަށުގައި ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށާއި އެ މަޝްރޫއުގެ ދަށުން އުފައްދާނެ 17 ބާވަތެއް ކަނޑައަޅައި ކޮންމެ ދަނޑުވެރިއަކު ވެސް ހައްދާނެ ދެބާވަތެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގްރޯނެޓުން އިންތިޒާމްކޮށްގެން، ސުކޫލު ނާސްތާ ޕުރޮގުރާމަށް ބޭނުންވާ ފަތްކޭލާއި ކުކުޅު ބިސް ފޯރުކޮށް ދިނުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް އެބަދާކަންވެސް އެ ކުންފުނިން ފާހަގަ ކުރެ އެވެ. އެ ޕްރޮގުރާމްގެ މަސައްކަތް ވިލަރެސް ކުރުމަށް ކުންފުނިން ވަނީ 15 ރަށު ކޯޑިނޭޓަރުންނާއި 17 އަތޮޅު ކޯޑިނޭޓަރުން މަސައްކަތަށް ނެރެފަ އެވެ.

އެގްރޮނެޓުން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީ އިގުތިސޯދީ އާންމު ހާލަތަށް ވާސިލުވުމަށް ކުންފުނީގެ ދަނޑުވެރިކަމުގެ މަޝްރޫއުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް