ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދޭން ކޮމިޓީއިން ނިންމައިފި

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން — ފޮޓޯ/ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފި އެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިދިޔަ އަހަރު ޖުލައި މަހު މަޖިލީހަށް ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު ދިރާސާކުރުމަށްފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށްފޮނުވާފަ އެވެ.

ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައިވެއެވެ.

އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.

އެގޮތުން ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެކަށީގެންވާ ހެއްކާ އެކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ސިއްހަތާ ބެހޭ ވަޒީރަށް ލަފާ ދޭންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ވަޒީރު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް އެ ލަފާ އަރުވަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

މިހާރު އާންމު ސިއްހަތުގެ ގާނޫނު ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު އޮންނަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ލަފާގެ މަތިން ވަޒީރަށެވެ.

ގާނޫނުއަސާސީގެ ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތް ކުރުން!

ކޮމިޓީން ދެން ފާސްކޮއްފައި ވަނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައި ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތް ކުރުމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އަމަލު ކުރާނީ އެ ބާބުގައި ބަޔާން ކުރާ ގޮތުގެ މަތިން ކަމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އެ އިސްލާހުގެ މައިގަނޑު ސަބަބެއް ކަަަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ކަމާގުޅުންހުރި މިނިސްޓަރު އިއުލާނުކުރާ ކުއްލިނުރައްކަލުގެ ހާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެ މާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުން ކަމަށެވެ.

އެ އިސްލާހު ފާސްވެއްޖެ ނަމަ، ދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑި އިރު ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެ އެވެ.

އެއާއެއެކު އެ ގާރާރު ނުވަތަ އެ ގަރާރުން ބައެއް ކޮންމެ ވަގުތެއްގައިވެސް ފާސްކުރުމުގެ ބާރު މަޖިލީހަށް ލިިބިގެންވެއެވެ. އަދި ގަރާރު ބާތިލު ކުރުމުގެ ބާރުވެސް ގާނޫނުއަސާސީން މަޖިލީހަށް ލިބިދެއެވެ.

އޭގެ އިތުރުން އެ ގަރާރުގެ މުއްދަތު އިތުުރުކުރުމަށް ބޭނުންވާނަމަ، މުއްދަތު ހަމަވުމުގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެ އެވެ. އަދި މުއްދަތު އިތުރު ކުރެވޭނީ، މަޖިލީހުން ފާސް ކުރުމުންނެވެ.

ހަރަދު ކުރުމާ ގުޅޭ އިސްލާހު!

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަން ޖެހޭ ހަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަހެޅުމަށް ބިލުގައި ބުނެފައިވެ އެވެ. އަދި މަޖިލީހުން ހަރަދު ކުރުމަށް ހުއްދަ ކުރާ މިންވަރަށް މެނުވީ، ހަރަދުކޮށްގެން ނުވާނެ ކަމަށް ކޮމީޓީން ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން އެ ފައިސާ ހަރަދު ކުރަންވާނީވެސް، މަޖިލީހުން ކަނޑައަޅާ އުސޫލުގެ މަތިން ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ އިސްލާހު ފާސްވެއްޖެނަމަ، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައި އެ ހަރަދު ކުރުމާ ގުޅޭ އިސްލާހަށް އަމަލު ކުރަން ލާޒިމްވާ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

ކޮމިޓީ ރިޕޯޓުގައިވާގޮތުން ހަރަދު ކުރުމާ ގުޅޭ އިސްލާހުގެ މައިގަނޑު ސަބަބަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދު ކުރެވޭ ފައިސާ އާއި އެ ހަރަދުކުރެވޭ ގޮތް ދެނެގަނެވި، ކަމާ ގުޅުން ހުރި ފަރާތްތައް މަޖިލީހުން ޖަވާބުދާރިކުުރުވުމެވެ.

ޖުޑީޝަރީ ކޮމިޓީގެ އިސްލާހުތަކަށް އަމަލު ކުރަނީ، މަޖިލީހުން އެގޮތަށް ފާސްކޮށް، އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

comment ކޮމެންޓް