އޭދަފުށިން އިއްޔެ އެކަނި ކޮވިޑުގެ 25 ކޭސް، ޖުމްލަ 37 ކޭސް

އޭދަފުށީގައި ބަޔަކު މުށިމަސް ބާނަނީ -- ފޮޓޯ: އަބްދުﷲ އަބީދު

ކޮވިޑް ކޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކޮށްފައިވާ، ބ. އޭދަފުށިން އިއްޔެ އެކަނި 25 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އޭދަފުށިން ކޮވިޑް ކޭސްތައް ފެނިގެން އެރަށަށް އަރާފޭބުން މަނާކޮށް، މޮނީޓަރިން ހާލަތައް ގެނައީ މިދިޔަ ހޯމަ ދުވަހު އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތަލާލް އަބްދުއްރަހްމާނު މިއަދު "ސަން"އަށް ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު ނެގި ސާމްޕަލްތަކުން އިއްޔެ 25 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެެވެ.

"މިދިޔަ ދެދުވަހު ނެގި 411 ސަމްޕަލްއިން 25 މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައި. މިހާރު ޖުމްލަ 37 މީހަކު މިރަށުން ޕޮޒިޓިވްވެފައިވޭ،" ތަލާލް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އެރަށުން ނެގި ސާމްޕަލްތަކުން ހަތަރު މީހުން ޕޮޒިޓިވްވިއިރު، އަދި މިހާތަނަށް ބަލި ރަށަށް ފެތުރުނު ގޮތެއް ސީދާ ނޭނގޭ ކަމަށް ތަލާލް ވިދާޅުވި އެވެ.

މިމަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް، ކޮވިޑް ފެތުރިފައިވާ މާލެއިން ގިނަ ބަޔަކު ވޯޓުލުމަށް އެރަށަށް ގޮސްފައިވެ އެވެ. އަދި އެކަން ތަލާލްވެސް ކަށަވަރުކޮށްދެ އެވެ.

ތަލާލް ވިދާޅުވި ގޮތުގައި ބަލި އެރަށް ފެތުރުނު ދެ ސިނާރީއޯއެއް އެބަ އުޅެ އެވެ. އެއްގޮތަކީ ވޯޓުލާން ރަށަށް އައި މީހުން ނުވަތަ މާލެ ދަތުރު ކުރާ ލޯންޗެއްގެ ފަޅުވެރިއެއްގެ ފަރާތުންނެވެ.

"މިރަށުން މާލެ ދަތުރު ކުރާ ލޯންޗްގެ ފަޅުވެރިން މާލެއަށް ފައިބާ ކަމުގެ ޝަކުވާ ލިބޭ،" ތަލާލް ވިދާޅުވި އެވެ.

އޭދަފުށީގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާތީވެ، އެޗްޕީއޭއިން ވަނީ މި މަސް ތެެރޭ އެރަށުން އެހެން ރަށްތަކަށް ދަތުރު ކުރި މީހުން އެ އިދާރާއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެކެއް އެޕްރީލްގެ ފަހުން އެރަށުން ދަތުރު ކުރި ފަރާތްތައް 10 ދުވަހަށް ކަރަންޓިންވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން އެ ރަށު ފޭބި ފަހުން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ކޮވިޑް ޓެސްޓު ހެދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް ކަރަންޓީނާ ނުލާ ރަށްރަށް ދެވޭ ގޮތް އެޗްޕީއޭއިން ހެދުމުން ގިނަ ބަޔަކު ރަށްތަކަށް ފުރައިގެން ދިޔަ އެވެ.

https://sun.mv/151442

comment ކޮމެންޓް