ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި 24 އަހަރުގެ މީހަކު ހައްޔަރު

ފުލުހުންގެ ވެހިކަލެއް -- ފޮޓޯ: ޕޮލިސް

އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 24 އަހަރުގެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މިރޭ 20:55 ހާއިރު ކަމަށެވެ.

ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށް ޖެންޑާ މިނިސްޓްރީ އަދި ފުލުހުންވެސް ވަނީ ބުނެފައެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ބުނީ އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓުމެންޓުން ބަލަމުންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީއިންވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ފުުލުހުން ބުނީ، އެ ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި، ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދެއްކި ކަމަށެވެ. އަދި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުން ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް