ދީނުން ފިލާވަޅެއް: ކެތްތެރިކަމުގެ ނަމޫނާ

ދުނިޔެވީ ހަޔާތާއި އުޚްރަވީ ހަޔާތް ބާއްޖަވެރިކުރަން އެދޭނަމަ އަހަރެމެންގެ ކިބައިގައި ހަރުލައްވަންވީ އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމުގެ ސިފައެވެ. ސޫރަތުލް އާޝޫރުގައި އަހަރެމެންގެ މައްޗަށް ވަނީ ހެޔޮމަގަށް އެކަކު އަނެކަކަށް ނަސޭހަތްދީ ބާރުއެޅުމަށާއި ހުރިހާ ވަގުތާއި ހާލަތެއްގައިވެސް ކެތްތެރިކަމުގެ ވާފަށުގައި ހިފުމަށް ގޮވާލާފައެވެ.

އައްޔޫބު އަލައިހިއްސަލާމަކީ މާތްﷲގެ ހަޒްރަތުން ފޮނުވުނު ރަސޫލު ބޭކަލެކެވެ. އެކަލޭގެފާނަށް މާތްﷲ މުދާވެރިކަމާއި މުއްސަނދިކަން ދެއްވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ 80 އަހަރު ހޭދަކުރެއްވީ ﷲ ދެއްވި މި ނިއުމަތުގައެވެ. އެއާއެކު އެ ނިއުމަތަށް ކުފުރުވެރިވުމަށް ޝައިތާނާވެސް އެހާމެ ވާސްވާސްދީ މަސައްކަތްކުރިއެވެ. ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކުން ހާމަވާ ގޮތުގައި އައްޔޫބުގެފާނަކީ ﷲގެ ނިއުމަތަށް ވަރަށް ޝުކުރުވެރިވާ އަދި ތަގުވާވެރި ހެޔޮލަފާ ރަސޫލެކެވެ. އެ މަތިވެރި ސިފަތަކުން އައްޔޫބުގެފާނު މަހުރޫމު ކުރެއްވުމަށްޓަކައި އިބިލީސް ގިނަ މަސައްކަތްތަކެއް ކުރިއިރު، އޭނާ އެދި ބުނަމުންދިޔައީ އައްޔޫބުގެފާނު ﷲއަށް ޝުކުރުވެރިވެ ތަގުވާވެރިވަމުންދަނީ އެ ނިއުމަތްތަކާއި ހެދި ކަމަށާއި އެހެންކަމުން އެ ނިއުމަތްތަކުން އެކަލޭގެފާނު މަހުރޫމުކުރެއްވުމަށެވެ.

އައްޔޫބުގެފާނުގެ އަތުގައި މި ދެންނެވި ފަދަ އެއްވެސް ނިއުމަތެއް ނެތް ހިނދުގައިވެސް ހަމަ އެފަދައިން ޝުކުރުވެރިކަންމަތީ ދެމިހުންނަވާތޯ މާތްﷲ އެކަލޭގެފާނު އިމްތިހާނު ކުރެއްވިއެވެ. މިގޮތުން އެކަލޭގެފާނުގެ އުމުރުފުޅުން 80 އަހަރުފުޅުގައި ވަރަށް ވޭން ހުރި ބައްޔެއް އެކަލޭގެފާނަށް ޖެހިވަޑައިގަތެވެ. އަދި މި ބަލީގެ ވޭންފުޅުގައި ވަނިކޮށް މާތް ﷲއަށް ކުފުރުވެރިވުމަށް އިބިލީސް ނުހަނު ވަސްވާސްތައް ދިނެވެ. އެހެންނަމަވެސް އެކަލޭގެފާނު ނިއުމަތުގެ ހާލަތުގައިވެސް އަދި ދަތި ހާލުގައިވެސް ﷲއަށް ޝުކުރުވެރިކަމާއި ކެތްތެރިކަމާއިއެކި ދެމިހުންނެވިއެވެ.

އަދި އެންމެ ފަހުން އައްޔޫބުގެފާނުގެ އަނބިކަނބަލުން އެކި ގޮތްގޮތުން އެކަލޭގެފާނަށް ޝަކުވާތައް އުފުއްލަވަމުން ގެންދަވާ ބަލިހާލުގައި އެހާމެ ދަތިކޮށް ކިހާ ދުވަހަކު އުޅެން ޖެހޭނެތޯ ސުވާލުކުރައްވަމުން ގެންދެވިއެވެ. އެހެންނަމަވެސް ޝުކުރުވެރި ހާލުގައި އައްޔޫބުގެފާނު ވިދާޅުވަމުން ގެންދެވީ ނިއުމަތުގައި އެކަލޭގެފާނު 80 އަހަރު ދުވަހު ލެހެއްޓެވިއިރު ވޭނާއި ދަތިކަން އެންމެ ފަސް އަހަރު ލެއްވެވުމުން އެކަލާނގެއަށް އުރެދުމަކީ އެއްވެސް ހާލެއްގައި އިންސާފެއް ނޫންކަމެވެ. އަދި އަހަރެމެންގެ މައްޗަށް އޮތީ ދަތި ހާލުގައްޔާއި ރަހުމަތުގައިވެސް ތަގުވާވެރިވެ ކެތްތެރިވުން ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ.

އެހެންކަމުން އައްޔޫބުގެފާނުގެ ހަޔާތްޕުޅުން އަހަރެމެންނަށް ދަސްވީ އެންމެ މުހިންމު ފިލާވަޅަކީ ކެތްތެރިވުމުގެ މުހިންމުކަމެވެ. އެކަލާންގެ މަތިން ހަދުމަ ކުރަންޖެހެނީ ހަމައެކަނި ދަތި ހާލުގައި ނުވަތަ ނިއުމަތްތައް ލިބި ރަހުމަތުގެ ހާލަތުގައި ނޫންކަމެވެ.

comment ކޮމެންޓް