ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ހުޅުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ނުވާކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިތުރުފުޅު ހައްދަވައިފި އެވެ.
މެނޭޖްޑް ފިޝަރީއެއްގެ ގޮތުގައި މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.
މިޔަރުގެ ސަބަބުން މަސްވެރިންނަށް އުނދަގޫވާ ކަމަށާއި، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތާ ގުޅޭގޮތުން ސުވާލުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އެވެ.
މެމްބަރު މުޣުނީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރު ވެސް މިޔަރު ހިމާޔަތްކޮށްގެން އުޅެނީ ވަރަށް މަދު ގައުމެއްގައި ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ޕަލާއު އަދި ސީޝެލްސް ފަދަ ގައުމުތަކާ ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ.
ދިވެހި މަސްވެރިކަން ބިނާވެފައި އޮންނަނީ އާންމު ރައްޔިތުން ކުރާ މަސައްކަތަށް ކަމަށާއި އެހެންކަމުން މެނޭޖް ފިޝަރީއެއްގެ ގޮތުގައި މިޔަރުގެ މަސްވެރިކަމުން ވެސް ފައިދާ ނުހޯދާންވީ ސަބަބެއް ނެތް ކަމަށެވެ.
"އެހެންވީމަ މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން މިދަނީ. އެހެންވީމަ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައަށްފަހު މެމްބަރު މުޣުނީ ވިދާޅުވީ މިޔަރާ ހެދި އުނދަގޫވާ ހިސާބަށް ގޮސްފައިވާ ކަމަށާއި، އެހެންކަމުން މިނިސްޓަރުގެ ވާހަކައަކީ މަސްވެރިންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ.
މިނިސްޓަރުގެ ވާހަކައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިޔަރުގެ މަސްވެރިކަން ހުޅުވާލުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ.
އެ މައްސަލައިގައި ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައި ވަނިކޮށް، ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމިޓީގައި މިނިސްޓަރު ދެއްކެވީ ލޭނުގެ މަސްވެރިކަން ހުޅުވާލުމާ ގުޅޭ މަޝްވަރާތަކެއްގެ ވާހަކަ ކަމަށެވެ. އަދި ލޭނު އަޅާއިރު އޭގައި ބައިކެޗްގެ ގޮތުގައި މިޔަރުވެސް ހިފިދާނެތީ އެކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މިޔަރުގެ މަސްވެރިކަން ހުޅުވާލުމާ ގުޅޭގޮތުން މަޝްވަރާ ނުކުރާ ކަމަށެވެ.
ނަމަވެސް މެނޭޖްޑް ފިޝަރީއެއްގެ ގޮތުގައި މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކޮމިޓީގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޒަހާ ވިދާޅުވީ މެނޭޖްޑް ފިޝަރީ އަކީ ވަކި މުއްދަތަކަށް ހުޅުވާލައިގެން، އޭގެ އާބާދީއަށް ގެއްލުން ނުވާ ގޮތަށް މަންފާ ހޯދުން ކަމަށެވެ.
ކަނޑުގެ ދިރުންތަކަށް ބަލާއިރު މިޔަރަކީ ހުރިހާ ބާވަތެއްގެ މަސް ވެސް ޝިކާރަކުރާ އެއްޗަކަށް ވުމުން، މިޔަރު އިތުރުވެ މަހުގެ އާބާދީއަށް އަސަރުކުރާ ކަމުގެ ޝަކުވާތައް ގިނަވަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީވެސް ވިސްނުންތެރިކަމާއެކު އިގްތިސޯދަށް މަންފާކުރާ ކަމެއް ގޮތަށް ބެލެވިދާނެ ކަމެއް ކަމަށް ވީމަ މަޝްވަރާ ކުރަން އެބަ،" މިނިސްޓަރު ވިދާޅުވި އެވެ.
23 މާޗް 2021 ގައި ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި މިޔަރުގެ މަސްވެރިކަމާ ގުޅޭގޮތުން މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަ:
މެމްބަރު މުޣުނީ: ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު ސިނާއަތަކީ ޓުއަރިޒަމް ކަމަށް ވެފައި، ޓޫރިސްޓުންނަކީ ހުރިހާ ހިސާބަކަށް ދަތުރުކޮށް، މިޔަރުގެ ރީތިކަމާ އަދި މިޔަރުގެ މާހައުލު ބަލާލާ ބަޔަކަށް ނުވާއިރު، މަސްވެރިންނަކީ ރާއްޖޭގެ މާކަނޑަށް ނުކުމެ މަސްވެރިކަން ކުރާ ބަޔަކަށް ވީހިނދު، އެ މަސްވެރިކަން، އެ މިޔަރު އެއްވެސް ވަރަކަށް ކޮންޓްރޯލްކުރަން، ވަކި ސީޒަނެއްގައި ނަމަވެސް، ވަކި ދުވަސްވަރެއްގައި ނަމަވެސް ކޮންޓްރޯލް ކުރަން، އަޅުގަނޑު މި ދަންނަވަނީ އެތެރެވަރީގެ މިޔަރުތަކުގެ ވާހަކައެއް ނޫން މި ދައްކަނީ. މާކަނޑުގެ މިޔަރުތައް. މިކަމާ ދޭތެރޭ ވަޒީރުގެ މިހާރުގެ ވިސްނުމަކީ ކޮބައިތޯ؟ އެއްވެސް ކަހަލަ ދިރާސާއެއް ހެދި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅަން، މަސްވެރިން އެ ޝަކުވާތަކަށް ލުޔެއް ހޯދަން އެއްވެސް ވަރަކަށް މަސައްކަތް އެބަ ކުރަންތޯ؟
މިނިސްޓަރު ޒަހާ: ފިޝަރީޒް މިނިސްޓްރީ އަކީ އިގްތިސޯދު ކުރިއެރުވުމަށްޓަކައި އޮތް މިނިސްޓްރީއެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މި ގާނޫނުން މި ފަރުމާތައް ކޮށްދެނީ ކޮންމެ މަސްވެރިކަމެއް ވެސް ބެލެހެއްޓިގެން މެނޭޖްޑް ފިޝަރީއެއްގެ ގޮތުގައި ކުރުމަށް މަގުފަހިކުރަން. އެހެންވީމަ މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށްޓަކައި ވެސް މިޔަރުގެ މަސްވެރިކަން، މަޝްވަރާތައް، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާތައް ކުރެވެމުން ދާ ކަމެއް. މިކަން ހުޅުވާލާނީ ކޮން ގޮތަކަށްތޯ. އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ތަރައްގީވެސް ނޫނީ ތަރައްގީ ނުވާ ގައުމުތަކުގައި ވެސް، މިޔަރު ހިމާޔަތްކޮށްގެން މި އުޅެނީ ވަރަށް މަދު ގައުމުތަކެއް އިނގޭތޯ. އޭގެ ތެރޭގައި ޕަލާއޯ އަކީ، އެބޭފުޅުންނަކީ މަސްވެރިކަން ކުރާ ގައުމެއް ނޫން. އެކަމު އެބޭފުޅުންނަކީ ކަނޑުގެ ސަރަހައްދު އެހެން ފަރާތްތަކަކަށް ދީގެން އުޅޭ ބައެއް. ހަމަ އެގޮތަށް ސީޝެލްސްގަ ވެސް މި އޮންނަނީ ދެއްތޯ ހާލަތު. އެހެންވީމަ، އެބޭފުޅުންނާ އަޅުގަނޑުމެންނާ ވެސް ވަރަށް ތަފާތޭ. އަޅުގަނޑުމެންގެ މަސްވެރިކަން މި ބިނާވެފައި އޮންނަނީ ރައްޔިތުންނޭ، އާންމު ފަރުދުންނޭ މި މަސްވެރިކަމުގައި ހަރަކާތްތެރި ވަނީ. އެހެންވީމަ މިފަދަ ކަމަކަށް ވެސް ހުޅުވާލަން ވެއްޖެއްޔާ އަޅުގަނޑުމެން މެނޭޖްޑް ފިޝަރީއެއް ގޮތަށް މިއީ ވެސް ރިސޯސް އެއް ވީމަ ބޭނުން ނުކޮށް ތިބެންވީ ސަބަބެއް ނެތޭ. އެހެންވީމަ މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ވެސް މަޝްވަރާ ކުރެވެމުން މިދަނީ. އެހެންވީމަ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި ހުދޫދެެއްގެ ތެރޭގައި ތިބޭކަމަށް ނުޖެހޭ. ދެން މެނޭޖްޑް ފިޝަރީ އެކޭ ދެންނެވީމަ މި ދަންނަވަނީ ވަކި މުއްދަތަކަށް ހުޅުވާލާފަ، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ވެސް އަޅުގަނޑުމެން ވެސް ހޯދަން ޖެހޭނޭ. ހަމަ އެއާއެކީގައި އަޅުގަނޑު ދަންނަވާނަން މިޔަރަކީ ހަމަ އެންމެ މަތީ އޭޕެކްސް ޕްރިޑޭޓާ. އެއަށްވުރެ މައްޗަކަށް ކަނޑުގެ މާހައުލުގައި ނޫޅޭ ދެއްތޯ މިޔަރު ޝިކާރަކުރާ އެއްޗެއް. އެހެންވީމަ އޭގެ ވެސް އަދަދުތައް ގިނަވެގެންދާ ވާހަކަ ތަފާތު ފަރާތްތަކުން އެ ދައްކަވަނީ. އެހެންވީމަ މީވެސް ހަމަ ވިސްނުންތެރިކަމާއެކު އަޅުގަނޑުމެން އިގްތިސޯދަށް މަންފާ ކުރާ ކަމެއް ގޮތަށް ބެލެވިދާނެ ކަމެއް ވީމަ އަޅުގަނޑުމެން މަޝްވަރާކުރަން އެބަ.