ދީނުން ފިލާވަޅެއް: ރޮއްޓާއި ރަން

އީސާގެފާނުގެ ޒަމާނުގައި އެކަލޭގެފާނު ދުރުދަތުރުކަށް ހިންގަވާފައި ވަޑައިގަތް ހިނދު މީހަކާއި ބައްދަލުވިއެވެ. އީސާގެފާނުގެ އަރިހުގައި އެމީހާވެސް އެ ދަތުރުގައި ބައިވެރިކޮށްދިނުމަށް އެމީހާ އެދުނެވެ. އެހިނދު އެމީހާވެސް ދަތުރުގައި ބައިވެރިކޮށް ދަތުރުކުރިއަށް ގެންދެވިއެވެ. އަދި ގަހެއްގެ ކައިރިއަށް މަޑުކުރައްވާ ފެންފޮދެއް ހޯއްދެވުމަށް ތަންކޮޅެއް ދުރުގައިވާ ކޯރަކާއި ދިމާއަށް ވަޑައިގެންނެވިއެވެ.

އީސާގެފާނުގެ އަތްޕުޅުގައި ތިން ރޮށި އެތެވެ. އޭގެ ތެރެއިން އެއް ރޮށި އީސާގެފާނު އެ މީހާއަށް ދެއްވިއެވެ. އަދި އަނެއް ރޮށި އީސާގެފާނު ފަރިއްކުޅުއްވިއެވެ. އަދި ފެން ހޯއްދަވަން ވަޑައިގަތީ ތިންވަނަ ރޮށި އެ ގަސް ކައިރީގައި ބާއްވާފައެވެ. އެނބުރި ވަޑައިގަތްއިރު އެ ރޮށްޓެއް ނެތެވެ. ހައިރާންފުޅުވެ ވަޑައިގެން އީސާގެފާނު އެމީހާ ކުރެން އެ ރޮށި ކޮބައިތޯ ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެ ރޮށްޓަށް ވީގޮތް ނޭނގޭކަމަށް އެމީހާ ބުންޏެވެ.

ދަތުރުފުޅު ކުރިއަށް ގެންދަވަނީކޮށް ތިން ގާފުނި އީސާގެފާނަށް ފެނިވަޑައިގަތެވެ. އަދި އީސާގެފާނު ދުއާ ކުރެއްވެވުމުން އެ ތިން ގާފުނި ތިން ރަންފުންޏަށް ބަދަލުވެގެން ދިޔައެވެ. އެހިނދު އެތަނުން އެއް ރަންފުނި ތިމަންކަލޭގެފާނަށް ކަމަށާއި އަނެއް ރަންފުނި އެ ދަތުރުގެ ބައިވެރިޔާއަށް ކަމަށާއި އަދި ތިންވަނަ ރަންފުންޏަކީ ގެއްލުނު އެ ރޮށި ކެއި މީހަކަށް ކަމުގައި ވިދާޅުވިއެވެ.

އެވަގުތު އެމީހާ އެ ރަންފުނީގެ ދަހިވެތިކަމުގައި، ގެއްލުނު އެ ރޮށި ކެއީ އޭނާ ކަމަށް ބުންޏެވެ. އީސާގެފާނު އެކަމާއި ހިތްޕުޅާނުވެ އެފަދަ މީހަކާއި އެކު ދަތުރު ކުރިއަށް ނުގެންދެވޭނެ ކަމުގައި ވިދާޅުވެ އެކަލޭގެފާނުގެ ރަންފުނިވެސް އޭނާއަށް ކަމުގައި ވިދާޅުވެ ވަކީން ދަތުރައިގެން ކުރިއަށް ހިންގަވައި ވަޑައިގަތެވެ.

އެމީހާއަށް ރަންފުނިތައް ލިބި އުފަލުގައި އެހިފައިގެން ދާން އުޅުމުގެ ތެރެއިން އެހެން ދެމީހަކަށް އެ ރަން ފުނިތައް ފެނި ބޮޑު އަރައިރުންވުމެއް އެތަނުގައި ހިނގިއެވެ. އަދި ވީ ވަރުބަލީގައި އެތަނުން އެކަކު ކައިރި އަވަށަކުން ކާއެއްޗެހިކޮޅެއް ބަލައި ދިޔައެވެ. ހަގީގަތުގައި އޭނާގެ މަގްސަދަކަށްވީ އެ ރަންފުނިތައް ހޯދުމަށްޓަކައި ގެންނަ ކާއެއްޗިއްސަށް ޒަހަރުއަޅާ ރަންފުނީގެ ކައިރީގައިވި އަނެއް ދެމީހުން މަރާލައި ރަންފުނިތައް އަމިއްލައަށް މިލްކުކުރުމެވެ.

އަދި ރަންފުނި ކައިރީގައި މަޑުކުރި އަނެއް ދެމީހުންގެ ރޭވުމަކީ ކާއެއްޗެހި ބަލައި ދިޔަ މީހާ މަރާލާ އެ ދެމީހުންނަށް ރަންފުނިތައް މިލްކުކުރުމެވެ. އެކަމަކު ކަން ހިނގައިދިޔައީ މި ރޭވުންތަކާއި މުޅިން ޚިލާފަށެވެ. މަޑުކޮށްގެން ތިބި ދެބައިވެރިން ކާއެއްޗެހި ހިފައިގެން އައި ބައިވެރިޔާ މަރާލިއެވެ. އަދި އޭނާ ގެނައި ކާއެއްޗެހި ކައިގެން އެ ދެބައިވެރިންވެސް މަރުވީއެވެ.

މި ހާދިސާއިން ބުނެދެނީ ކީކޭ؟

މި ހާދިސާއިން އަހަރެމެންނަށް ލިބިދެނީ ކުރު އެހެންނަމަވެސް މުހިންމު މެސެޖެކެވެ. ދުނިޔެވީ އެދުންތަކުގައި ހައްދުފަހަނައަޅައިގެން ހިނގައްޖެނަމަ އިންސާނާ ހަލާކުވެގެން ހިނގައިދާނެ ކަމެވެ. އެމީހުންގެ ދަހިވެތިކަމާއި އެދުންވެރިކަމުން އެ ތިން މީހުންނަށްވެސް އެއިން އެންމެ ރަން ފުކެއްގެ މިންވަރުވެސް ނުލިބުނެވެ. ކޮންމެ މީހެއްވެސް އަނެކާއަށް އޮޅިވާލާ މަކާރާއި ހީލަތުން ކަންތައްތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް މަންފާއެއް ނުލިބި އެންމެންވެސް ދުނިޔެ ދޫކޮށްދާންޖެހުނެވެ.

"މިފަދަ ހާދިސާއިން އަހަރެމެން ލިބިގަންނަންވީ އިބްރަތަކީ ދުނިޔެވީ އެދުންވެރިކަމުގައި އިންސާނުންގެ މެދުގައި އޮންނަ ގުޅުންތަކަށް ބުރޫ އަރުވާލާ އިންސާނުންގެ ހައްގުތަކަށް އަރައިގަނެ އިންސާނީވަންތަކަމަށް އެއްވެސް ކަހަލަ ކުލުނެއް ރަހުމެއް ނެތި ދުނިޔެ ހޯދަން މަސައްކަތް ކުރާ އެއްވެސް މީހަކަށް ކާމިޔާބެއް ނުލިބޭނެކަން. ދުނިޔެއަކީ އެކަހަލަ ދަޅަތަކެއް ދައްކާ ތަނެއްކަން." ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ބުއްދިވެރިންނަކީ ހަމައެކަނި ދުނިޔެވީ ފައިދާތަކަށް ބެލުމެއް ނެތި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް ވިސްނާ ބައެއް ކަމާއި މެދު ޝައްކެއް ނެތެވެ.

comment ކޮމެންޓް