ސަލްމާގެ ގަޔަށް މެދުނުކެނޑި ލޭ އެޅިން، ނިޔާވީ ދޭންޖެހޭ ފަރުވާ ދެމުން ދަނިކޮށް: އޭޑީކޭ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިހެއުމާ ގުޅިގެން ދިމާވި ކޮމްޕްލިކޭޝަނެެއްގައި މިދިޔަ ފެބުރުއަރީ މަހު ނިޔާވި ސަލްމާ ނަސީރުގެ ގަޔަށް މެދުނުކެނޑި ލޭ އެޅި ކަމަށާއި، އަދި އޭނާއަށް ދޭންޖެހޭ ފަރުވާ ވެސް ވަގުތުން ވަގުތަށް ދެމުން ދިޔަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ސަލްމާ ނިޔާވީ އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވެފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ލޭ ހުރެ، ލޭ ނާޅާ އެއް ގަޑިއިރު ހޭދަވި ކަމަށް ހެލްތުން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އޭޑީކޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަލްމާ ވިހެއުމަށް ހޮސްޕިޓަލަށް ދިޔައީ ވެސް، އަދި ވިހެއުމުގެ ކަންކަން ގޮސްފައި ވަނީ ވެސް އާންމު ހާލަތުގައި ވިހަން ދާ މީހުންނާ އެއްގޮތަށް ކަމަށެވެ.

އެހެން ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވި ކަމަށާއި، އެކަން ފާހަގަވުމާއެކު އެކަމާ ގުޅޭ މެޑިކަލް ފަރުވާ ވަގުތުން ފަށާފައިވާނެ ކަމަށެވެ. އެގޮތުން ލޭ މަނާކުރުމަށް އެފަދަ ހާލަތްތަކުގައި ދޭ ބޭހާއި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށެވެ.

"ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ލޭ އަޅަން ވާނީ ފަށައިފަ އެވެ." އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭ އިން ބުނީ އޭގެ ފަހުން ވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށް، ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ވެސް ފެށި ކަމަށެވެ. އަދި ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށް ބަޔާނުގައިވެ އެވެ.

"މިގޮތުން ކުރެވުނު މަސައްކަތްތަކާ އެކު ވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް، ކާޑިއެކް އެރެސްޓަކަށް ދިޔަ އެވެ. ކާޑިއެކް އެރެސްޓާ ގުޅިގެން ސީޕީއާރް ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފަ އެވެ."

އޭޑީކޭ އިން ބުނީ ސަލްމާގެ ފަރުވާ ކުރިއަށް ދިޔަ އިރު ހާލަތާ ގުޅޭ މައުލޫމާތާއި ދެވެމުން ދިޔަ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކުރި ކަމަށެވެ. އަދި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައި ވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށެވެ.

ކޭސް ރިވިއު ކުރުމުގައި ހެލްތު މިނިސްޓްރީގެ ކިއުއައިޑީ އިން ބޭނުންވި ހުރިހާ މައުލޫމާތާއި އެއްބާރުލުން ހޮސްޕިޓަލުން ދީފައިވާނެ ކަމަށް އޭޑީކޭ އިން ބުންޏެވެ.

މެޓާނަލް ޑެތްސް ނުވަތަ ވިހެއުމުގެ ތެރޭ މަރުވުމަކީ ރާއްޖޭގައި މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އެހެން ނަމަވެސް ސިއްހީ ބޮޑެތި ކޮމްޕްލިކޭޝަން ތަކުގައި އެދެވިގެންވާ ފަރުވާ ދެވުނު ނަމަވެސް ކާމިޔާބު ނުވުމަކީ ބައެއް ހާލަތްތަކުގައި ވާ ކަމެއް ކަން އޭޑީކޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އޭޑީކޭ އިން ބުނީ ސަލްމާ ނިޔާވުމާ ގުޅިގެން އާއިލާއަށް ލިބުނު ހިތާމައިގައި އެ ހޮސްޕިޓަލުން ބައިވެރިވާ ކަމަށާއި، އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކެނޑިނޭޅި ކުރަމުން ދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް