އެމެރިކާގައި އާއްމު ތަންތަނަށް ބަޑިން ޙަމަލާދީ މީހުންމެރުމުގެ ޖަރީމާތައް އިންތިހާއަށް ގިނަވަނީ

ބަޑިޖެހުމުގެ ހާދިސާ އެއް ހިނގާފައިވާ ތަނެއްގައި އެމެރިކާގެ ފުލުހުން ހަރަކާތްތެރިވަނީ

ވޮޝިންޓަން (އެޕްރީލް 19) : އާއްމު ތަންތަނުގައި ބަޑިން ޙަމަލާދީ މީހުން މެރުމުގެ ޖަރީމާތައް އިންތިހާއަށް ގިނަވެފައި ވަނިކޮށް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ވެރިރަށް އޯސްޓިންގެ އާއްމު ތަންތަނެއްގައި މީހަކު ބަޑީގެ ޙަމަލާދީ ތިން މީހަކު މަރާލައިފި އެވެ.

މަރާލި ތިން މީހުންގެ ތެރޭގައި ހިމެނެނީ ކަޅުނަސްލުގެ ފިރިހެނަކާއި ލެޓިން ނަސްލުގެ ދެ އަންހެނުންނެވެ. މިއީ ކަޅުމީހުންނާއި ލެޓިން ދަރިކޮޅުގެ މީހުންނާ އަދި އޭޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި އޮންނަ ނަސްލީ އިމްތިޔާޒުގެ ރޫހުގައި ދިން ޙަމަލާއެއްކަމަށް ބެލެވޭކަމަށް ބައެއް އެކްޓިވިސްޓުންވަނީ ތުހުމަތުކޮށްފަ އެވެ.

އާއްމު ތަންތަނުގައި ބަޑިން ޙަމަލާދީ މީހުން މެރުމަކީ އެމެރިކާގައި އާދައިގެކަމެއް

ޓެކްސަސްގެ ފުލުހުން ބުނާ ގޮތުން ބަޑިޖެހުމުގެ ހާދިސާ ހިނގާފައި ވަނީ އޯސްޓިން ސިޓީގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ އޯސްޓިން ޓްރަވިސް ކައުންޓީ ގަ އެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާތީ އެސަރައްދާ ގާތްނުވުމަށް ފުލުހުންވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ. ޓެކްސަސްގެ ވެރިރަށް އޯސްޓިންގެ އާއްމު ތަންތަނެއްގައި ބަޑިހިފައިގެން ހުރި މީހަކު ބަޑިޖަހައި ތިން މީހުން މަރާލާފައި މިވަނީ ބަޑިބޭނުންކޮށްގެން މީހުން މެރުމުގެ ޖަރީމާތައް އެމެރިކާގައި ގިނަވުމުގެ ކަންބޮޑުވުން އެގައުމުގެ އެކި ފަރާތްތަކުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ބަޑީގެ ޙަމަލާތަކުގައި މިދިޔައަހަރު އެމެރިކާގައި 39 ހާސް މަރު

އެމެރިކާގައި ބަޑި ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ "ގަން ވަޔަލެންސް އެކްޝަން" (ޖީވީއޭ) އިން ނެރުނު ރިޕޯޓެއް ބުނާ ގޮތުން އެއްމަސް ތެރޭގައި އެމެރިކާގެ އާއްމު ތަންތަނުގައި ބަޑިޖެހުމުގެ 45 ހާދިސާއެއް ހިނގާފައިވާ އިރު އެ ހާދިސާތަކުގައި 72 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ އަހަރު މިފަދަ ހާދިސާތަކުގައި އެމެރިކާ އިން 39،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ވެސް "ޖީވީއޭ"ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ ހަތިޔާރު ވިއްކާ ފިހާރައެއް

އެމެރިކާއަކީ އާންމުން ހަތިޔާރު ގެންގުޅުން ހުއްދަކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާގެ ދަސްތޫރުގައި އަމިއްލަ ނަފްސުގެ ދިފާއުގައި ހަތިޔާރު ގެންގުޅުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށް ބުނާތީ އެމެރިކާގެ ސުޕްރީމް ކޯޓުން އެކަން ސިފަކުރަނީ ހަތިޔާރު ގެންގުޅުމާއި އެތަކެތި ގޭގައި ރައްކާކޮށްފައި ބެހެއްޓުމުގެ ހައްގަކީ އެމެރިކާގެ ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ހައްގެއް ކަމަށެވެ.

ބަޑިބޭނުންކޮށްގެން ހިންގާ ޖަރީމާތަކަށް ހުރަސްއަޅަނީ ބަޑިގެންގުޅޭ މީހުންގެ ބާރުގަދަ ޖަމްއިއްޔާ

އެމެރިކާގައި ބަޑި ބޭނުންކޮށްގެން ކޮންމެ އަހަރަކު އެތަށް ހާސްބަޔަކު މަރާލައި އެތައް ހާސްބަޔަކު ޒަޚަމްކޮށްލި ނަމަވެސް ބަޑި ގެންގުޅުމާއި ބޭނުންކުރުން ކޮންޓުރޯލުކުރަން ކުރެވޭ މަސައްކަތަކަށް އެގައުމުގެ އެތެރެއިން ދަނީ ނުފޫޒުގަދަ ހުރަސްތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ހުރަސްއަޅާ ފަރާތްތަކުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރި ވަނީ ބަޑިގެންގުޅޭ މީހުންގެ ޖަމްއިއްޔާ "ނެޝަނަލް ރައިފަލް އެސޯސިއޭޝަން" އިންނެވެ. މިިއީ މުއްސަނދިން ހިމެނޭ ބާރާއި ނުފޫޒު ގަދަ ޖަމްއިއްޔާއެކެވެ.

އެމެރިކާގެ މައި ސިޔާސީ ދެ ޕާޓީގެ ތެރެއިން ރިޕަބްލިކަން ޕާޓީއަކީ ބަޑި ގެންގުޅުމާއި ބޭނުންކުރުން ކޮންޓުރޯލުކުރަން ކުރެވޭ މަސައްކަތަކާ ދެކޮޅު ހަދާ ޕާޓީއެކެވެ. މިއާ ޚިލާފަށް ޑިމޮކްރެޓިކް ޕާޓީއަކީ ބަޑި ގެންގުޅުމާއި ބޭނުންކުރުން ކޮންޓުރޯލުކުރުމަށް މަސައްކަތްކުރާ އަދި އެކަމަށް ތާއީދުކުރާ ޕާޓީއެކެވެ.

އެމެރިކާގައި ބަޑި ގެންގުޅޭ މީހުން އާއްމު ތަންތަނުގައި މީހުންގެ ގަޔަށް ބަޑިޖަހައި މީހުން މެރުމުގެ ގިނަ ޖަރީމާތަކެއް ހިންގަމުން ގެންދާއިރު މި އަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް ބަޑިޖެހުމުގެ 45 ހާދިސާއެއް ހިނގާފައިވެ އެވެ. އަދި އެ ހާދިސާތަކުގައި 4500 އަށްވުރެ ގިނަމީހުން މަރުވެ 8،000 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް